ނުޒުހަތު ޝުއައިބު (ނުޒޫ) އޭ ބުނެފިނަމަ ރާއްޖޭގައި ވެސް އެނަން ނޭނގޭ މީހަކު މިއަދު ވަރަށް މަދުވާނެ ކަން ގައިމެވެ. 2017 ވަނަ އަހަރުގެ ފިލްމު "މަލިކާ" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ނުޒޫ އަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ކުޅަދާނަ ތަރިއެކެވެ. ކެރިއަރުގެ އެންމެ އުހުގައި ނުޒޫ މިވަގުތު ދުވަސްތައް ގުނަމުން ދާއިރު ނުޒޫ އަކީ މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާވެސް މެއެވެ. މިހާތަނަށް ގިނަ ފިލްމުތަކުން ފެނިފައިވާ ނުޒޫގެ އެކްޓިން އަންނަނީ ފަހަރަކަށް ވުރެ ފަހަރެއް އުހަށް ޖެހިލަމުންނެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު އައިފިލްސް އިން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު "ނީނާ" އަކީ ވެސް ނުޒޫގެ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. މީގެ ކުރިން ބަތަލާ ކުޅެފައިނުވާ ކަހަލަ ރޯލެއް މި ފިލްމުގައި ކުޅުނުއިރު ފިލްމުގެ ޓްރެއިލާ އިން ވެސް ނުޒޫގެ ހުނަރުވެރިކަން ފާހަގަ ކޮށްލެވެއެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ ޑައިރެކްޓްކުރާ މި ފިލްމު ކުޅުމަށް ނުޒޫ އަށް ފީއެއްގެ ގޮތުގައި 150،000ރ. ލިބިފައިވެ އެވެ. އެއާއެކު ބަތަލާ ނުޒޫ ވެގެން ގޮސްފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އެންމެ ބޮޑު އަގަކަށް ފިލްމެއް ކުޅެދިން ދެވަނަ ބަތަލާއަށެވެ.

އަންނަ މަހު ފިލްމު ޕްރިމިއާ އަށް ނުޒޫ ތައްޔާރުވަމުން އަންނައިރު ނުޒޫ ވަނީ އޭނާގެ ބިޒީ ޝެޑިއުލުން ކުޑަ ވަގުތުކޮޅެއް "ދަ ޕްރެސް" އަށް ހިއްސާކޮށްފައެވެ. ބަތަލާ ބުނީ "ނީނާ" ފިލްމާ ދޭތެރޭ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި މި ފިލްމަކީ މުޖުތަމައުގައި އަޅައި ނުލާ ދޫކޮށްލާފައިވާ ދެތިން މުހިއްމު ކަމެއް ފެނިގެންދާނެ ފިލްމެއް ކަމަށެވެ. ނުޒޫ ބުނީ ޝޫޓިންގެ ކުރިން ފައިޓިން މަންޒަރުތައް ވަކިން ދަސްކުރި ކަމަށާއި ޝޫޓިން ކުރިއަށް ދިޔައިރު އެއްވެސް ދަތިކަމަކާ ކުރިމަތިލާކަށް ނުޖެހުނު ކަމަށެވެ. ނަމަވެސް އެހާ ވަރުގަދަ ފައިޓް ސީން ތަކެއް ކުޅެލަން ޖެހުމުން ކިހިނެއްބާއޭ ވާނީ ހިތަށް އަރާފައި ކުޑަކޮށް ބިރުގަތް ކަމަށެވެ. މި ފިލްމުގައި ނުޒޫގެ ތަފާތު ތިން ލުކް އެއް ފެނިގެންދާނެ ވާހަކަ މީގެ ކުރިން ވެސް ފިލްމުގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ބަތަލާ ބުނީ އެންމެ ބޮޑަށް ބެލީ އިއްލެ ބޭނުންވާ ވަރަށް ނީނާގެ ފިއާސް ކެއާ ފްރީ އިހުސާސްތައް ނެރެވޭތޯ ކަމަށާއި އެކަންތައްތައް އިއްލެގެ އެހީއާއެކު ފުރިހަމަވި ކަމަށެވެ. ޝޫޓިން ކުރިއަށްދާ ވަގުތު ހުރިހާ އެންމެންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށާއި ހާއްސަކޮށް ރުތްބާގެ އެހީތެރިކަން ފާހަގަކޮށްލެވޭ ކަމަށް ނުޒޫ ބުންޏެވެ. ޝޫޓިން ތެރެއިން ދިމާވި އެންމެ މަޖާކަމަކަށް ދިމާވީ ކޮންކަމެއްތޯ ސުވާލުކުރުމުން ނުޒޫ ބުނީ ފިލްމުގެ މަންޒަރު ކަޓް އޭ ބުނާ ހިސާބުން އެންމެން އެއްކޮށް ގޭތެރޭގައި ހޭދަކުރާ ކޮންމެ ވަގުތެއް ވެސް ވަރަށް މަޖާކަމަށެވެ.

"އިންޝާﷲ މިއީ ހަމަ ވަރަށް ކާމިޔާބު ފިލްމަކަށް ވާނެ ފިލްމެއް. އަބަދުވެސް ބުނަން ތަފާތު ވާނެއޭ. އެކަމަކު މިފަހަރު ވަރަށް ބޮޑަށް ތަފާތު ފެނިގެންދާނެ މި ފިލްމުން،"

ބަތަލާ ނުޒޫގެ އެންމެ ކާމިޔާބު އެއް ފިލްމު ބަވަތިގެ ޕޯސްޓަރެއް---

ނުޒޫ ބުނީ ކުރިން ފިލްމު "ބަވަތި" ބެލުމަށްފަހު ވަރަށް ގިނަ މީހުން އެ ޓްރޯމާ ތެރެއިން ބޭރުވާން އެހީތެރިކަން ލިބުނު ފަދައިން މި ފިލްމުންވެސް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ނީނާ އަކީ ހަމައެކަނި ފިލްމެއް ނޫންކަމަށާއި މިއީ ދިރިއުޅުމުގައި ހިނގާ ކަންތައްތައް ކަމަށެވެ. އަދި ނީނާ އަކީ ކޮންމެ އަންހެނެއްގެ ވެސް ވާހަކައެއް ނަމަވެސް އެކަމަށް ކުރިމަތިލާން ނުކެރޭ މީހުން މުޖުތަމައުގައި ގިނަ ކަމަށެވެ. އުންމީދަކީ މި ފިލްމުގެ ޒަރިއްޔާއިން އެފަދަ އަންހެނުންނަށް އިތުރު ހިއްވަރަކާއި އެހީއެއް ލިބުން ކަމަށްވެސް ބަތަލާ ނުޒޫ ވަނީ ބުނެފައެވެ.

ހައަހަރުވީ ފިލްމީ ކެރިއަރުގައި ނުޒޫ ވަނީ ވަރަށް ތަފާތު ކެރެކްޓާތައް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. ދެން އެންމެ ކުޅެލަން ބޭނުންވާ، އަދި ފުރުސަތު ނުލިބޭ ކެރެކްޓާ އަކީ ކޮބައިތޯ ސުވާލުކުރުމުން ނުޒޫ ބުނީ އޭނާ އެންމެ ކުޅެލަން ބޭނުންވަނީ ޖިންނި މޮޔަވެފައި އިންނަ މީހެއްގެ ރޯލުކަމަށެވެ. އުންމީދަކީ ކޮންމެވެސް ދުވަހަކުން ނުޒޫ އަށް މިފަދަ ރޯލެއް ކުޅެލަން ލިބުމެވެ. ހަމަ ގައިމުވެސް އެނގޭ އެއްޗަކީ ބެލުންތެރިން މާޔޫސްކޮށްނުލާނެ ކަމަށެވެ. ބަތަލާ ބުނީ މިދުވަސްކޮޅު އެހާ ބުރަ މަސައްކަތެއް ނުކުރި ނަމަވެސް އިއްލެގެ "ފްރީ ޑެލިވަރީ" ކިޔާ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްލި ކަމަށެވެ. މިވަގުތު ނުޒޫ ހުރީ އޭނާގެ އަލަތު ދަރިފުޅު ލިބުމުން ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކޮށްގެންނެވެ. ބެލުންތެރިން ހާސްވާނެ ކަމެއް ނެތެވެ. އިންޓަވިއު ނިންމާލުމުގެ ކުރިން ނުޒޫ ވަނީ ބެލުންތެރިންނަށް އުފާވެރި ހަބަރެއްވެސް ދީފައެވެ. މަންމައަކަށް ވީނަމަވެސް ފިލްމީ މަސައްކަތް ކުރުން ހުއްތާނުލާނެ ކަމަށް ނުޒޫ ވަނީ ބުނެފައެވެ. ދަރިފުޅާއެކު ވަގުތު ލިބޭ ވަރަކުން މަސައްކަތްކުރަން ނުޒޫ ހުރީ ހަމަ ތައްޔާރަށެވެ. އުންމީދަކީ ނުޒޫގެ "ނީނާ" ބްލޮކްބަސްޓާއަކަށް ވުމެވެ.