މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއެކު ދެ ފަރާތުން ދައްކާ ވާހަކަ އަހައިގެން ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ "ކޯޓަށް ފަރިތަ" މި ނަމުގައި އާންމުން ހޭލުންތެރިކުރުމަށް ހިންގާ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ ކެމްޕެއިން ލޯންޗުކޮށްދެއްވާ އުއްތަމަ ފަނޑިޔާރު ވަނީ "ކޯޓަށް ފަރިތަ" ހޭޝް ޓެގާއެކު ފަށައިގަނެވުނީ މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަސައްކަތް ކުރައްވަނީ ހިދުމަތެއްގެ ގޮތަށް ވަރަށް އިހްލާސްތެރިކަމާއެކު ދެ ފަރާތުން ދައްކާ ވާހަކަތައް އަހައިގެން ކަމަށެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރުވެސް ރާއްޖޭގައި ޝަރުއީ ދާއިރާގެ މަސައްކަތްތައް ގެންގޮސްފައިވަނީ ވަރަށް ތަރުތީބުންކަން ފެންނަން އެބައޮތް ކަމަށާއި މިހާރުވެސް އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެނީ، އިޚުލާސްތެރިކަމާއެކު ގާނޫނުގައި ބަޔާންކޮށްފައިވާގޮތަށްކަން އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގައި މުހިއްމު އެއް ކަމަކީ ކޯޓުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ލުއި ފަސޭހަކަމާއެކު އެ ހިދުމަތް ލިބިގަތުމުގައި ހަމަ ޖައްސަން ޖެހޭ އިންތިޒާމްތައް ހަމަ ޖެއްސުމާއި އެފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އާއިޝަތު ރިޒްނާ ވިދާޅުވީ ކޯޓުތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އިންސާފު ފޯރުކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް އެކިއެކި މަސައްކަތްތައް ޝަރުއީ ދާއިރާއިން ކުރަމުންދާ ކަމަށެވެ. އަދި މި ފެށުނު ކެމްޕެއިންގެ ސަބަބުން ކޯޓުތަކުން ދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބުމުގައި ލުއި ފަސޭހަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރިޒްނާ ވިދާޅުވިއެވެ.
އެ ކެމްޕޭނަކީ އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް ގުޅިގެން ކޯޓުތަކާއި ގުޅޭ މައުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމަށް ޖުޑިޝަރީއިން މައުލޫމާތުދެއެވެ.