ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނެފައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅަނީ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަމަށެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށް ވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް އިތުރު ކުރާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނު ގައިވާގޮތުން ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 12 މަހާއި 10 މަސް ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅަންޖެހޭކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ 2024 ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ދާއިމީ އެޑްރެސް އޮންނަ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު އީސީއިން ވަނީ ހުޅުވާލާފައެވެ. އޮންލައިންކޮށް ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފައިވާއިރު އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށް އީސީއިން ވަނީ ބުނެފައެވެ.