އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ 99 އިންސައްތަ ވައުދު ފުއްދިއްޖެކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެކު މ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ޒިޔާރަތުގައި މ.މުލީގައި ހުންނަވައިގެން ދެއްކެވި ވާހަކައިގައި ރީކޯ މޫސާ ވަނީ ވަރަށް ބޮޑަށް މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ތާއިދުކުރައްވާފައެވެ.
މި ގޮތުން ރީކޯ މޫސާ ވިދާޅުވީ މިހާރު އެމްޑީޕީގެ ކެމްޕެއިން ޓީމުތަކުން ދަތުރުކުރަމުން ދާ ރަށްތަކަކީ ކުރިން އެމްޑީޕީއަށް އެހާ ބޮޑު ތާއިދެއް އޮތް ރަށްތަކެއް ނޫންކަމަށެވެ. ނަމަވެސް މިހާރު އެ ރަށްރަށް ވަރަށް ބޮޑަށް އެމްޑީޕީ ވެފައިވާކަމަށާ އެ ރަށްތައް އެމްޑީޕީއަށް ބަދަލުވުމުގެ ސިއްރަކީ އެރަށްރަށަށް އެމްޑީޕީ މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުދިފައި އޮތުންކަމަށް ރީކޯ މޫސާ ވިދާޅުވިއެވެ.
ރައީސް ސާލިހު ގެނެސް ދެއްވާފައިވާ މެނިފެސްޓޯގެ ގިނަ ރަށްރަށުގައި 99 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށް ރީކޯ މޫސާ ވިދާޅުވީ އަސާސީ ހިދުމަތުގައި ހިމެނޭ ފެނާ ނަރުދަމާގެ ހިދުމަތްތައް ނުލިބި ހުރި ހުރިހާ ރަށެއްގައި އަދި ވަކިން ހާއްސަކޮށް ކުދި ރަށްރަށަށް އެކަންކަން ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ރީކޯ މޫސާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ނެތަސް އެމްޑީއޭ އެބައޮތްކަމަށާ އެމްޑީއޭ އިން އެ ޕާޓީގެ ޓީޝާޓުގައި ޕާޓީ ކުލައިގައި ނުކުމެ މަސައްކަތްކުރަމުންދާ ކަމަށެވެ.
ރައީސް މުލަކު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ވަނީ މިއަދު އެއަތޮޅު ވޭވަށަށް ވަޑައިގެންފައެވެ.