"ދިވެހި ފިލްމު އެވޯޑްސް 10" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިތުރުކޮށްފިއެވެ.

މި މަހު ކުރީކޮޅު އެވޯޑުގައި ބައިވެރިކުރަން ފުރުސަތު ހުޅުވާލިއިރު، ކުރިން މި މުއްދަތު ހަމަވާގޮތަށް އޮތީ މިއަދުއެވެ. އެންސީއޭ އިން ބުނީ ފިލްމު އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު އިތުރުކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ. މިހާރު އޮތް ގޮތުން ނަމަ ފިލްމުތައް ހުށައެޅޭނެ އެންމެ ފަހު ސުންގަނޑި އަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އެކަމަށް އެދޭ ފޯމު އެންސީއޭ އިން ލިބެން ހުރިއިރު އެތަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެ އެވެ. މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒް ކޮށްފައިވާ ދިވެހި އުފެންދުންތަކެވެ.

މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒް ކޮށްފައިވާ ފިލްމުތަކެވެ. އެންސީއޭ އިން ބުނީ މި އެވޯޑް ދިނުމުގެ ބޭނުމަކީ ދިވެހި ފިލްމީ އުފެއްދުންތަކަށާ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުން ކަމަށެވެ. ފިލްމު އެވޯޑު ހަފްލާ އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ.

ދިވެހި ފިލްމު ފެސްލިޓީގައި ހިމެނެނީ ކޮމްޕެޓެޓިވް ކެޓެގަރީ އާއި ނޮން ކޮމްޕެޓެޓިވް ކެޓެގަރީއެވެ. ކޮމްޕެޓެޓިވް ކެޓަގަރީގައި ބައިވެރި ކުރެވޭނީ ދިވެހި ފިލްމު އެވޯޑްސް ގައި ވާދަ ކުރާ ހުރިހާ ދިވެހި ފިލްމްތަކެވެ. އަދި ނޮން ކޮމްޕެޓެޓިވް ކެޓަގަރީގައި ބައިވެރި ކުރެވޭނީ ރާއްޖޭގައި އުފައްދައިފައިވާ ފީޗާ ފިލްމުތަކާ ރާއްޖެއިން ބޭރުގައި އުފައްދާފައިވާ ފީޗާ ފިލްމުތަކެވެ. އަދި މުޅިން އަލަށް ރިލީޒްކުރާ ފިލްމުތަކާ އަދި ކުރީގެ ފިލްމުތައްވެސް މި ބައިގައި ބައިވެރިކުރެވިދާނެއެވެ.