ރާއްޖޭގެ ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދު ލިޔެފައިވާ ވާހަކަ "ދިޔަރެސް" އަށް ސީރީޒެއް ހަދަން ނިންމައި ސީރީޒްގެ ޝޫޓިން ފަށައިފިއެވެ.

ކިޔުންތެރިންގެ މެދުގައި މަގްބޫލު ވި މި ވާހަކައިގެ ސީރީޒެއް އާންމުންނާ ހަމައަށް އަންނައިރު މި ސީރީޒް ޑައިރެކްޓް ކުރަނީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ އުފެއްދުންތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. ވިލު ސްޓޫޑިއޯގެ ފުރާޅުގެ ދަށުން ގެނެސްދޭ މި ސީރީޒަކީ ޖުމްލަ 12 އެޕިސޯޑު އެކުލެވޭ ސީރީޒެކެވެ. ފެންޓަސީ، ޑްރާމާ އަދި ހޮރޯ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ މި ސީރީޒްގެ ލީޑު ރޯލު ކުޅޭ ތަރިންނަކީ ސާމީ ހުސައިން (މުއާޒް) އަދި ރަޒާން ރާމިޒް (ފިރާޝާ) އެވެ.

ސީރީޒުގައި ސާމީ އާއި ރަޒާން ގެ އިތުރުން ފެނިގެންދާނެ ބައެއް ތަރިންނަކީ މޯލްޑިވިއަން އައިޑަލް އިން މަޝްހޫރުކަން ހޯދި އިބްރާހިމް އަމާން ހުސަައިން، މަލީހާ ވަހީދު، އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ މާހިލް އާއި އާލްއެވެ. މިތަރިންގެ އިތުރުންވެސް މި ސީރީޒުން ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ފެނިގެންދާނެއެވެ. މި ސީރީޒްގެ ޝޫޓިން ކުރިއަށް ދިޔަ ނަމަވެސް "ދިޔަރެސް" ގެނެސްދޭނީ ކޮން ޕްލެޓްފޯމަކުން ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިންވެސް ސާއިދު ލިޔުނު ބައެއް ވާހަކަތަކަށް ވަނީ ޑްރާމާ އާއި ފިލްމު އުފައްދާފައެވެ. އެއީ "ރޭޝަމް"، "ކަށްވަޅަށް ދާންދެން" އަދި "ދޮންކަމަނަ" އެވެ. ދާދިފަހުން ބައިސްކޯފު ޕްލެޓްފޯމަށް ވަނީ ލިޔުންތެރިޔާ އަހްމަދު އިގްބާލު (އައިކިއު) ލިޔުނު "އެހެނަސް" އަށް ބިނާކޮށް ސީރީޒެއް ގެނެސްދީފައެވެ. މި ސީރީޒް ވަނީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައެވެ.