ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި 'ދަ ޑިމޮކްރެޓްސް' ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓާއި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީންގެ ފުރަތަމަ ކައުންސިލް ބައްދަލުވުން ބާއްވަން ހަމަޖެހިފައި ވަނީ މި ރޭ 8:15 ގައި ގ. ބޮޑުފެންވަޅުގޭގައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފު ވިދާޅުވީ، މިރޭ ބާއްވާ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި މުހިއްމު ކަންތައްތަކަށް މަޝްވްރާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން އެ ޕާޓީގެ އަސާސީ ގަވާއިދު ފާސްކުރަން ބޭއްވި ބައްދަލުވުމުގައި ނިންމި ކަންތައްތަކާ ގުޅޭ ގޮތުންނާއި، އަންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައި ވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕާޓީގެ މެނިފެސްޓޯ އާއި އަދި ރިޔާސީ އިންތިހާބަށް ކެމްޕެއިން ޓީމްތައް އެކުލަވާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ރަސްމީކޮށް ސިޔާސީ ޕާޓީގެ ދަފްތަރުގައި ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށްފައިވާ އިރު، އެޕާޓީގެ ފުރަތަމަ އާންމު ޖަލްސާ އާއި އެ ޕާޓީން ބާއްވާ މުހިއްމު ހަރަކާތްތަކުގައި ރައީސް ނަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިދިޔަ ބުރާސްފަތު ދުވަހު އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލި ކުރާނެ ކަމަށް އެ ޕާޓީން ބުނަމުން އަންނަ އިރު ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެ އެކަމާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނަ އިރު، އަދި މިހާތަނަށް އެ ޕާޓީން ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓް ހާމަކޮށްފައެއް އަދި ނުވެއެވެ.

މިރޭ އެ ޕާޓީގެ ކައުންސިލް ބާއްވަން ނިންމާފައިވާ އިރު، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ޑިމޮކްރެޓުން ހުށަހަޅާ އިސްލާހު ޑްރާފްޓް ކަރުދާހަށް މަޝްވަރާ ކޮށް އާންމުންގެ ހިޔާލު ހޯދުމަށް މިރޭ 10:30 ގައި ކްލަބްހައުސްގައި އިވެންޓެއް ވެސް ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުއްވަާލާ އިރު، އިންތިހާބަށް ކުރިމަތިލާނެ ކަމަށް މިހާތަނަށް 5 ސިޔާސީ ޕާޓީއަކުން ވަނީ އިއުލާން ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޑިމޮކްރެޓްގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީއެވެ.