ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ޓޫރިސްޓުން މޫދަށް އެރި އުޅުމުގައި ސަމާލުވާން ޗައިނާ އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

ޗައިނާ އެމްބަސީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރިގޮތުގައި ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ޗައިނާ މީހުން މޫދަށް އެރި އުޅުމުގެ ތެރޭ ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން ޗައިނާގެ ޓޫރިސްޓުން މޫދަށް އެރި އުޅުމުގައި ދިމާވެދާނެ ހާދިސާތަކަށް ސަމާލުވެ ތިބުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހުން ތިން ޓޫރިސްޓަކު މަރުވިކަން ފާހަގަކޮށް އެމްބަސީން ވަނީ ފުން ހިސާބުތަކަށް މޫދަށް އެރުމުގެ ކުރިން އެ ސަރަހައްދަކީ މިޔަރު އުޅޭ ސަރަހައްދެއްތޯ ބެލުމަށާއި މޫސުމަށް ސަމާލުވާން އެދިފައެވެ. އަދި މުދަލަށް އަމިއްލައަށް ރައްކާތެރިވުމާއި ރާއްޖެއަށް އެކަނި ދަތުރުނުކުރުމާއި ވަކިން ހާއްސަކޮށް ބަލިވެ އުޅޭ ނަމަ، ދަތުރުނުކުރަން ވެސް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިވެއުޅޭނަމަ ރާއްޖެއަށް ދަތުރުނުކުރުމަށް އެމްބަސީން އިލްތިމާސްކުރީ ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި ސިއްހީ ހިދުމަތުގެ ގާބިލުކަން ކުޑަ ގައުމެއް ކަމަށްވާތީ ކަމަށް އެއެމްބަސީން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޗައިނާގެ ފަތުރުވެރިން އަލުން އަންނަން ފެށީ ޗައިންނާއިން ރާއްޖެއަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓްތައް ހުޅުވާލި ފަހުން މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

އެ ދުވަހުން ފެށިގެން މިމަހު 5 ވަނަ ދުވަހާ ހަމަ ޗައިނާއިން ވަނީ މާލެޓްގެ 7.1 ޕަސެންޓް ހިއްސާއާއެކު، ލިސްޓުގެ ހަތަރު ވަނައިން ޖާގަ ހޯދާފައެވެ. މިހާތަނަށް ޗައިންާއިން ވަނީ 67،822 ފަތުރުވެރިން ރާއްޖެ އައިސް ފައެވެ.