މީގެ ކުރިން ފުލުހުންގެ ހިދުމަތުގެ ތެރޭގައި އޮތް ސިޔާސީ ނުފޫޒު މުޅިން ކަނޑުވާލެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މ. ކޮޅުފުށީގައި ބޭއްވި ކެމްޕެއިނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ މުވައްސަސާގެ ތެރޭގައި އޮތީ ސިޔާސީ ބާރާއި ނުފޫޒުކަމަށެވެ. މިގޮތުން 2013 އިން 2018 ވަނަ އަހަރަށް ރާއްޖޭގައި ހުރި މުވައްސަސާތަަކަށް ސިޔާސީ ނުފޫޒު ފޯރުވާފައި އޮތް މިންވަރު ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
މި ގޮތުން ހަމައެކަނި ފުލުހުންގެ މުވައްސަސާއަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަކޮށްދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އޭރު ފަސް ފަހަރެއްގެ މަތިން ޕޮލިސް ކޮމިޝަނަރުން ބަދަލުވެގެން ދިޔަ ކަމަށެވެ.
ފުލުހުންގެ މުވައްސަސާއަކީ ތައުލީމީ، އަދި އެކަމުގެ ހުނަރު ހޯދާފައިވާ މުވައްސަސާއެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އޭރު އެ ތަންތަން ހިނގުމުގެ ފުރުސަތެއް ނުލިބުނު ކަމަށާ، މުޅި ފުލުހުންގެ ތެރޭގައި އޮތީ ސިޔާސީ ބާރާއި ނުފޫޒުކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް ވަޑައިގެން، އެންމެ ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ފުލުހުންގެ މުވައްސަސާ އޭގެ ޒާތުގައި ހިންގުމަށް ޖާގަ ދިނުންކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މިހާރު އެ މުވައްސަސާއިން ފެންނަ މަންޒަރު ތަފާތު ވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.