ރާއްޖެ ފަދަ ގައުމުތަކާ ހިލާފަށް ފިނިހޫނުމިން އާންމުކޮށް ދަށްކޮށް އޮންނަ ޔޫރަޕަށް ހޫނުގެ ތޫފާނަކާ ކުރިމަތިވެ ރެޑް ނޯޓިސް ނެރެފިއެވެ.
އިޓަލީ، ފްރާންސް، ޖަރުމަން އަދި ޕޮލަންޑް ފަދަ ގައުމުތަކުގައި އާދަޔާ ހިލާފަށް ހޫނުމިން މަތިވެ ސިއްހީ ގޮތުން ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވުމުގެ ގޮތުން ބޭރުގައި ނޫޅުމަށް އާންމުކޮށް ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން ހެނދުނު 11 އިން އިރުއޮއްސި 6 އަށް ކޮންހެން ބޭރުގައި އުޅެން ނުޖެހޭނަމަ ނޫޅުމަށް ވަނީ އާންމުކޮށް އަންގާ އިއުލާން ކޮށްފައެވެ.
މިދިޔަ އަހަރުގެ މި މޫސުމުގައި ޔޫރަޕުން ތަހަންމަލް ކުރި 48 ޑިގްރީއަށް ހޫނުމިން މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން އަންދާޒާ ކުރާ އިރު ޔޫރަޕްގެ ގިނަ ސަރަހައްދުތަކުގެ ހޫނުމިން މިހާރުވެސް ހުރީ 40 ޑިގްރީއަށް އަރާފައެވެ.
އާންމުކޮށް ހޫނު ގަދަ ދުވަސްވަރު ޔޫރަޕްގެ ބޯ ޖަންގަލިތަކުގައި ރޯވެ އަލިފާނުގެ ހާދިސާތައް ހިނގާ އިރު ކުރިމަތިވަމުން އަންނަ މި ހޫނުގައި އެފަދަ ހާދިސާތައް ހިނގުމާއި، ސިއްހަތު ސަލާމަތުން ތިބި މީހުންނާއި އުމުރުން ދުވަސްވެފައި ތިބި މީހުންނަށްވެސް ހޫނުމިން އިއުސާސް ކުރެވޭ މިންވަރު މަތިވެ ސިއްހީ ކާރިސާއެއް ހިނގާފާނެ ކަމުގެ އިންޒާރުވެސް ބައެއް ސަރަހައްދުތަކުގައި ވަނީ ދީފައެވެ.
މި ހޫނުގައި ބައެއް ސަރަހައްދުތަކުން ހީޓް ސްޓްރޯކް ޖެހި މީހުން މަރުވަމުން ދާއިރު އިޓަލީގެ އުތުރުބިތުގެ ސަރަހައްދެއްގައި އުމުރުން 40 އަހަރުގެ މީހަކުވެސް މަރުވެގެން ވަނީ ރެކޯޑް ކޮށްފައެވެ.
ޔޫރަޕްގެ އިތުރުން އެމެރިކާ އާއި ޗައިނާ އަދި އުތުރު އެފްރިކާ އަށް ވެސް މިއީ ހޫނުގަދަ ދުވަސްކޮޅެކެވެ.
ނިމިދިޔަ ފިނި މޫސުމުގައި އާދަޔާ ހިލާފަށް ފިނިވެ ބޯ ސްނޯ ފޭބުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައި ވާ އިރު، ފިނި މޫސުން ނިންމާލީ ގިނަ ގޭގޭގައި ހޫނު ކުރަން ހުންނަ ނިޒާމުތަކަށް ބޭނުންވާ ހަކަތަ ނުލިބި އަމިއްލަ އަންނައުނާއި އެނޫންވެސް ތަކެތި އަންދައިގެން ހޫނު ހޯދައިގެންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާ އެކު ދުނިޔޭގެ ފިނި ހޫނުމިން ބަދަލުވެ އާދަޔާ ހިލާފު ބަދަލުތައް މުޅި ދުނިޔޭގައި ވެސް ފާހަގަ ވަމުންދެއެވެ.
ރާއްޖޭގައި ވެސް ހޫނުމިން މަތިވާ ބައެއް ދުވަސްތައް އަންނަ އިރު މޫސުމީ ވިއްސާރައިގެ ބޭރުން ދޭތެރެ ދޭތެރެއިން ވާރޭ ވެހޭކަން ދަނީ ފާހަގަ ކުރެވެމުންނެވެ.