ތުރުކީއާއެކު ގާއިމް ކުރި ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދިވެހި އުފެއްދުންތައް ޔޫރަޕުގެ މާކެޓަށް ފޯރާނެ ކަމަށާއި މިއީ 90 މިލިއަން މީހުންގެ މާކެޓަކަށް ވެދެގެން ދިއުން ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެއަށް އިސްލާމިކް ބޭންކުގެ ހިދުމަތް ފުޅާކުރުން އިފްތިތާހުކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ފޯރުކޮށް ދިނުމަށް ބޭނުންވާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ބޭރުގެ މާކެޓުތަކާއި ގުޅުވާލަން ވިޔަފާރިތަކުން އެދެމުންދާ ކަމަށެވެ.
ރާއްޖޭގައި އެކިބާވަތުގެ މުދާ އުފައްދަމުންދާ އިރު، ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ މާކެޓް ހޯދުމަށް އީ-ވޮލެޓްތަކާއި އަދި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ތުރުކީއާއެކު ގާއިމްކުރި އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ތުރުކީގެ ބާޒާރަށް ބޭރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި، މިއީ ޔޫރަޕް މަކެޓާއި ދިވެހި ވިޔަފާރިތައް ގުޅުވާލަދޭނެ އެއްބަސްވުމެއް ކަމަށް ސައީދު ވިދާޅުވިއެވެ. މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ރާއްޖޭގެ އުފެއްދުންތައް ވަދެގެން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން އެއް ގައުމުން އަނެއް ގައުމަށް އިމްޕޯޓު ކުރާ މުދާތަކަަށް އިމްޕޯޓު ޑިއުޓީގެ ލުއިތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޑިއުޓީގެ ލުއި ލިބިގެންދާ މުދާތަކަކީ:
- ކާބޯތަކެތި
- މަހުގެ އުފެއްދުންތައް
- ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލް
- މެރިން އަދި ޓްރާންސްޕޯޓް މެޝިނަރީ އަދި އިކުއިޕްމަންޓް
- ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު
ތުރުކީއާއެކު ގާއިމްކުރި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރުފެ ނޮވެމްބަރު މަހު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފެށި މަސައްކަތެއް ކަމަށް ޝައިދޫ ވިދާޅުވިއެވެ. އަދި އެކަމުގެ އެއްބަސްވުމަކަށް 9 މަސް ދުވަހުގެ ތެރޭ އައުމަކީ މި މަސައްކަތް ކުރުމަށް ދެ ގައުމުގެ ޝައުގުވެރިކަން އޮތް މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.