ސަރުކާރުގެ ފަރާތުން ޔޫރަޕް ކޮލިޓީގެ ބޭސް ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެކޮށް މިއަދު ވިއްކަން ފަށައިފިއެވެ.
ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
އެގޮތުގެ މަތިން ޕޫލް ޕްރޮކިއުމަންޓެއްގެ ތެރެއިން، އެއްފަހަރާ ގިނަ އަދަދެއްގެ ބޭސް ގެންނަން ޔޫއެންޑީޕީ އާއި އެސްޓީއޯއާ ހަވާލުކޮށް، އޭގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
ބަދަލުތައް ތަންފީޒު ކުރުމަށް ނިންމާފައި ވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގެ ތެރޭގައި ޑޮކްޓަރުން ބޭސް ލިޔާ ގޮތް ބަދަލުކުރާނެ އެވެ. އެ ބަދަލުތަކުގެ މައުލޫމާތު ހުރިހާ ޑޮކްޓަރުންނަށް ފޯރުކޮށްދީ، އެ ބަދަލަށް އަހުލުވެރިވާން އިތުރު ވަގުތު ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ފަހު، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އެ ހުރިހާ ބަދަލަކަށް އަމަލީ ސިފަ ގެނެވޭނެ ކަމަށް ވެއެވެ.
"މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުންކުރެވޭނީ ޔޫރަޕުގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވޭ ބޭސް އެކަންޏެވެ." އެ ބަޔާނުގައި ބުންޏެވެ.
ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އެންސްޕާ އާއި އާސަންދަ ގެ އިތުރުން އެސްޓީއޯ އާއި އެމްއެފްޑީއޭ ގުޅިގެން ނެރުނު އެ ބަޔާނުގައި ބުނެފައި ވަނީ އެ ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ބޭސް ރާއްޖޭން ލިބޭނެ ކަމަށެވެ. މިހާރެކޭ ވެސް އެއްގޮތަށް އެ ބޭސްތަކަށް އާސަންދަ އިން ފުލް ކަވަރޭޖު ލިބޭނެ ކަމަށާއި އާސަންދަ ނިޒާމުގައި ހުރި ލީކޭޖުތައް ހުއްޓުވި ބޭހުގެ އަގު ކޮންޓްރޯލު ކުރެވޭނެ އެވެ.
ރާއްޖޭގައި ލިބެން ހުންނަ ބައެއް ބޭސްތަކުގެ ފެންވަރު ދަށްވެ، ގެއްލުން ހުރި މާއްދާތައް އެކުލެވޭ ބައެއް ބޭސްތައް ދެނެގަނެވޭވަރު އިތުރުވެފައިވާ މި ދަނޑިވަޅޫގައި ބޭހުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުތައް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ، މިދިޔަ ފެބްރުއަރީ މަހު އެވެ.
އެގޮތުން ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމަވައި ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.