ރާއްޖޭގެ ވެރިކަމަށް ވަޑައިގެން މަސައްކަތްޕުޅު ކުރެއްވީ ހަލަބޮލިކަން ނައްތާލައްވަން ކަމަށާއި މިއަދު ފެންނަނީ ހަމަޖެހުމާއި އަމާންކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކ. މާފުށީގައި ކުރިއަށްދާ އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާފުށީގެ ތަރައްގީއާ ގުޅިފައިވާ ކަންތައްތަކަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މާފުށިން މިހާރު ފެންނަމުންދާ އުފާވެރިކަން މާފުށީ ރައްޔިތުންނަށް ލިބުނީ އެހެން ސަބަބަކާ ހުރެ ކަމަށެވެ. އެކަމާ ގުޅުވައި ރައީސް ވިދާޅުވީ މާފުށީގައި ގެސްޓް ހައުސްގެ މަސައްކަތްތައް ކުރިއަށް ގެންދެވެނީ ރާއްޖޭގައި އޮތް ހަމަ ޖެހުމުގެ ސަބަބުން ކަމަށެވެ.
މި ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމޭނެ ކަމަށާއި ކަރަންޓުގެ ހިދުމަތާއި ބަނދަރުގެ މަސައްކަތްތަކުގެ އިތުރުން ސިއްހީ ހިދުމަތަކާއި ތައުލީމުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގަމުންދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅެމުންދާތަން މިއަދު މާފުށިން ފެނިވަޑައިގަންނަވާ ކަމަށާއި މިހާރުވެސް 800 އަށް ވުރެ ގިނަ ޓޫރިސްޓުން މާފުށީގައި އެބަ ތިބި ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގެންނެވިއިރު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މާފުއްޓަށް ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް އެއްކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މިހާރު ކުރިއަށްދަނީ އޭގެ ފަހުން ކައުންސިލުގެ އެދުމުގެ މަތިން ފަށާފައިވާ މަސައްކަތްތައް ކަމަށާއި ރިޔާސީ ވައުދުގެ ގޮތުގައި ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ މާފުށީ ބިން އިތުރުކުރުމާއި ރައްޔިތުންގެ ފަރާތުން އެދުނު ޕިކްނިކް އައިލެންޑް ހެދުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މާފުއްޓަށް ބިން އިތުރު ކުރެވުނު އިރު ޕިކްނިކް އައިލެންޑް ވެސް ނިމިފައިވާ ކަމަށާއި އެ ބިން ކައުންސިލާ ހަވާލުކޮށް މިހާރު ދަނީ އެ ބިމާއި މާފުއްޓާ ގުޅުވާލުމުގެ މަސައްކަތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ވެވަޑައިގަންނަވާ ވައުދުތަކެއް ހުރި ކަމަށާއި އެންމެ މުހިއްމު އަމާޒަކީ އާ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމާއެކު ރާއްޖޭގެ ކަންކަމުގައި ބަސްބުނެ ހަރަކާތްތެރި ވުމުގެ ޖާގަ މިހާރަށްވުރެ ރަނގަޅަށް ޒުވާނުންނަށް ދިނުން ކަމަށް ވިދާޅުވެފައެވެ. އަދި އަމާން މުޖުތަމައުއެއް ގާއިމުކުރަން ފައްޓަވާފައިވާ މަސައްކަތް ކުރިއަށް ގެންދިއުމާއި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވުމާއެކު ހެޔޮ ވެރިކަމެއް ކުރައްވައި އިގްތިސޯދު ދެ ގުނަ ކުރެއްވުމަކީވެސް އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދެން މާފުށީގައި ފަށާނެ މަސައްކަތަކީ މާފުށީގެ ރައްޔިތުން އެދޭ ގޮތަށް މާފުށީގެ މަގުތައް ހެދުމުގެ މަސައްކަތެވެ. އަދި ބަނދަރުގެ މަސައްކަތް ނިމިގެން ދާއިރު އެ ސަރަހައްދުގައި ރަނގަޅު ފެރީ ޓާމިނަލްއަކާއި އެރައިވަލް ޖެޓީއެއް ގާއިމުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.