ދިވެހިރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ (އިމަޖެންސީ އެންޓްރީ ވިސާ) ގެ ދަށުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ދިވެހި ޕާސްޕޯޓް (އޯޑިނަރީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް) އޮންނަ ފަރާތްތަކުން މިސްރަށް ދަތުރުކޮށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

މި ވިސާއަކީ ޓޫރިސްޓް ވިސާ ކަމަށާއި ފީއެއްގެ ގޮތުގައި 25 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދިނުމަށް މިސްރުގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެ ގައުމަށް ޒިޔާރަތްކުރާނަމަ އަދި ވަޒީފާ އަދާކުރުމަށް، ތައުލީމް ހާސިލްކުރަން ނުވަތަ ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިސްރަށް ދަތުރުކުމުގެކުރިން އެކަމަކާއި ގުޅޭއ ވިސާއެއް ނަގަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ، ދިވެހިންނަށް މިސްރަށް އޮން އެރައިވަލް ވިސާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމާއި މިސްރުން ރާއްޖެއަށް ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށެވެ.

ރާއްޖެއާ މިސްރާއު ދެމެދު ސިޔާސީ ގުޅުން 1969 ވަނަ އަހަރު ގާއިމް ކޮށްފައިވާއިރު މިއަދާ ހަމައަށްވެސް ދެ ގައުމުގެ ސިޔާސީ ގުޅުން ދަނީ ދަމަހައްޓަމުންނެވެ.