މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވޭ މަންޒަރު ފެނިވަޑައިގަންނަވަން ފަށައިފި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތަކަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

އެގޮތުން އެފަހަރުގެ އިންތިހާބުގައި މާލޭ ރައްޔިތުން އެންމެ ބޮޑަށް ފާހަގަ ކުރީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މިހާރު އެ މައްސަލަ ވަނީ މުޅިންހެން ހައްލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ވެރިކަމުގައި ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ސާފުކޮށް އޮޅުމެއްނެތި ވިދާޅުވެ ދެއްވުމަކީ ކެމްޕޭނުގައި އިސްކަމެއް ދެއްވާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީގައި އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނަން. ކުރީގައި 2018 ގައި ލިބުނު ޓާގެޓާ ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް އެ މަންޒަރު މިހާރު އެބަ ފެނޭ،
ރައީސް

އިއްޔެގެ ދޮރުން ދޮރަށް މާލޭގެ ގަލޮޅުގައި ހިންގި ހަރަކާތުގައި އެ ދާއިރާގެ އެމްޑީޕީގެ މެމްބަރު، މީކާއިލް ނަސީމާއި މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވި އިރު ރައީސް ސޯލިހު ވަނީ އެ ދާއިރާގެ ގެތަކަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު އޮޅުންފިލުއްވާފައެވެ.

އިއްޔެގެ ހަރަކާތުގައި ރައީސްގެ ފަހަތްޕުޅުން އާންމުންގެ ގިނަ ބަޔަކު [ސަޕޯޓަރުން] ހިނގާފައި ނުވި ނަމަވެސް އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ބައެއް މެންބަރުން ހިނގާފައި ވެއެވެ.