އެއްފަސްކޮށް ގުޅިގައި އޮތް އައްޑޫ ސިޓީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ހަދައި އެތަންތަން އޮޕަރޭޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއި) ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ މިކަމަށް އެދި ހުށަހަޅާ ކުންފުނިތަކަކީ މަދުވެގެން 10 އަހަރުގެ ތަޖުރިބާހުރި ކުންފުނިތަކަށް ވާންޖެހޭ ކަމަށެވެ. އަދި އެ ކުންފުނިތަކުގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މި ޕްރޮޖެކްޓަކީ ފޭދޫގައި އޮތް ރަސްމީ ބޯޅަ ދަނޑާއި، އެ ދަނޑުގެ އެއްފަރާތުން އޮތް ހިއްކި ބިމާ އަދި ގަމުގެ ކޯޒްވޭ ސަރަހައްދާ އެކު ކްރޫޒް ޓާމިނަލަކާއި އަދި ޔޮޓް މެރީނާ އެއް ހިމެނޭ ގޮތަށް 100 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރާނެ ވަރުގަދަ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިމަޝްރޫއާ އެކު އައްޑޫގެ މޫނުމަތި ބަދަލުވެގެން ދާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ފޭދޫ އިން ގޮސް ގަމާ ގުޅޭ ކޯސްޒޭ ގުޅޭ ސަރަހައްދު / ފޮޓޯ: ދަ ޕްރެސް

122 ހެކްތަރު ހިމެނޭ ފޭދޫ އަކީ 2020 ގެ ބޯހިމެނުން ދައްކާ ގޮތުން 4069 މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ފޭދޫގައި 939 ބިދޭސީން އުޅޭ އިރު ދިވެހިންގެ އަދަދު ކަމަށް ދައްކަނީ 3130 އެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކާ ޓާމިނަލް އެޅުމަށް އެކަނި ވެސް އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ކައުންސިލުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

މިދިޔަ އަހަރު ފާސްކުރި ފޭދޫ ލޭންޑް ޔޫޒް ޕްލޭނުގައި ވެސް ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލަށް ބިންވަނީ ކަނޑައަޅާފައެވެ.