ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާނުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެއެވެ.

މި އަހަރު ބާއްވާ ބާ އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށާއި ގާނޫނީ ވަކީލުންނަށް ބާ ކައުންސިލުން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުގައެވެ. އެ ދުވަހު ކުރި އިއުލާނެއްގައި ބާ ކައުންސިލުން ބުނީ، ބާ އިމްތިހާނުގައި ބައިވެރިވެވޭނީ އެ ކައުންސިލުން ކަނޑައަލާފައިވާ ޝަރުތުތައް ފުރިހަމަވާ، އަދި އެ ކައުންސިލުން އެކްރެޑިޓްކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ދިވެހިންނަށް ކަމަށެވެ.

ބާ އިމްތިހާން މި އަހަރު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 21 ގައި މާލޭގައި ކަމަށާއި، އިމްތިހާނުގެ ތާރީހަށް އެއްވެސް ބަދަލެއް އަންނަ ނަމަ، އަދި ކެންޑިޑޭޓުންގެ ރެޖިސްޓްރޭޝަނަށް ބަލައި އިތުރު މަރުކަޒުތައް ފަހުން އިއުލާނުކުރެވޭނެ ކަމަށް، ބާ ކައުންސިލްގެ އިއުލާނުގައިވެއެވެ.

ބާ ކައުންސިލުން ބުނީ، މި އަހަރުގެ އިމްތިހާނުގައި ވެސް އިމްތިހާނުކުރަން ހަމަޖެހިފައި ވަނީ މިދިޔަ އަހަރު އިމްތިހާނުކުރެވުނު ދާއިރާތަކުން ކަމަށެވެ. އެ ދާއިރާތަކަކީ:

  • މޯލްޑިވިއަން ލީގަލް ސިސްޓަމް
  • ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  • ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ
  • ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  • ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  • ޓޯޓް ލޯ

ހަމަ އެއާއެކު، މިދިޔަ އަހަރުގެ އިމްތިހާނެކޭ އެއްގޮތަށް، މި އަހަރުގެ އިމްތިހާނުގައި ވެސް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ސުވާލުތައް ހިމެނިފައިވާނެ ކަމަށާއި، ޓެސްޓަށް ތައްޔާރުވުމަށްޓަކައި ބޭނުންވާނެ ލެކްޗާ ވީޑިއޯތައް ބާ ކައުންސިލްގެ ޔޫޓިއުބް ޗެނަލުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އޭގެ އިތުރުން، އިމްތިހާނާ ގާތްކޮށް، އިތުރު ލެކްޗާތަކެއް ބާއްވާނެ ކަމަށް ވެސް، ބާ ކައުންސިލުން ބުންޏެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރު ވެސް ދަރިވަރުންގެ އަތުން ނަގަން ހަމަޖެހިފައިވަނީ އިމްތިހާނުގެ ފީގެ ގޮތުގައި 6،500 ރުފިޔާއެވެ. ދަރިވަރުންނަށް ފީ ދެއްކުމުގައި ދިމާވެދާނެ ދަތިތަކަށް ބަލައި، ދެ އިންސްޓޯލްމެންޓަކަށް ބަހާލައިގެން މި އަހަރުގެ އިމްތިހާނުގެ ފީ ބަލައިގަންނާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ. އަދި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 12 ޖެހުމުގެ ކުރިން ފީ އެއްކޮށް ދައްކައި ނިންމުމަށް އެ ކައުންސިލުން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި ބާ އިމްތިހާން އެންމެ ފުރަތަމަ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ. 173 ދަރިވަރުން ބައިވެރިވި އެ އިމްތިހާނުގެ އެވަރެޖް މާކުހަކީ 66 ޕަސެންޓެވެ. ބާ ކައުންސިލުން ބުނީ، މިދިޔަ އަހަރުގެ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 73 ދަރިވަރަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށް، ވަކީލު ކަމުގެ ހުއްދަ ހޯދާފައިވާ ކަމަށެވެ.