ރ. ހުޅުދުއްފާރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހެދުމުގެ މަސައްކަތް ކުރުމަށް ސައުޝަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ، މިއަދު މި މަސައްކަތް ސައުޝަން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފަިއވާ އިރު މިއީ މަސައްކަތުގެ ޖުމްލަ އަގަކީ 3,632,783.04 ރުފިޔާ ކަމަށެވެ. އަދި މި މަސައްކަތަކީ 120 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް ވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ސިއްހީ ދާއިރާއިން ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކަށް ތަރައްގީ ކުރުމަށް ގިނަ މަޝްރުއުތަކެއް ހިނގަމުން އައިސްފައިވާ އިރު، މި މަޝްރޫއަކީ 2022 ވަނަ އަހަރުން ފެށިގެން ބަޖެޓުގައި ހިމަނައިގެން ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މީގެ ކުރިން ވެސް މި މަޝްރޫއު ވަނީ ދެ ފަރާތަކަށް އެވޯޑް ކޮށްފައެވެ.

މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނީ، މީގެ ކުރިން ދެ ކޮންޓްރެކްޓަރަކަށް މަސައްކަތް ހަވާލުކޮށްފައި ވީ ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކޮންޓްރެކްޓްތައް ބާތިލްކޮށްފައިވާ ކަމަށެވެ.

މިއަދު ސައުޝަން ކޮންސްޓްރަކްޗަން އަށް މި މަސައްކަތް ހަވާލުކޮށްފަިއވާ އިރު، މިއީ މި މސައްކަތް ހަވާލު ކުރި ތިން ވަނަ ފަރާތެވެ.