އަލުން އަނބުރާ ރ. ގާއުނޑޫދޫ، އެ އަތޮޅުގެ ހުޅުދުއްފާރުގެ އިހުތިސާސްގައި ހިމަނައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ އަތޮޅަށް ކުރައްވާ ދަތުރުގައި މިރޭ ހުޅުދުއްފާރުގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ބޮޑު ފަސެންޓެއް ހުޅުދުއްފާރުން ދިންކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި އެއަށްވުރެ މާ ބޮޑު ޕަސެންޓެއް އިތުރު ކުރާނެކަން ޔަގީން ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހުޅުދުއްފާރަކީ ގިނަ ރަށްތަކަކުން ކުދިން ކިޔެވުމަށް އަންނަ ރަށެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެ ރަށުގައި ދަނާލެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އަދި އިގްތިސޯދުގެ ނަފާއަށް އެ ރަށުގެ މީހުން ބޭނުން ކުރަމުން ދިޔަ، ގާއުނޑޫދޫއަކީ އެހެން ފަރާތަކަށް މަސައްކަތް ކުރަން ދީފައިވާ އޮތް ރަށެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޮންނަ އުސޫލަކުން އެ ރަށް ނަގާ، ނަފާ ލިބޭނެ ގޮތް ހައްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ހުޅުދުއްފާރުގައި މިހާރު އުޅެމުންދަނީ ގާއުނޑޫދޫއާއި އުނގުލުގެ މީހުންނެވެ. އަދި އެ ރަށުން ހުޅުދުއްފާރަށް ބަދަލުވުމަށްފަހުވެސް ނަފާ ހޯދުމަށް އެ ރަށަށް ގޮސް ގެންނަ ތަކެތި ވިއްކުމަކީ ހުޅުދުއްފާރުގެ މީހުން މީގެ ކުރިން ވަރަށް ގިނައިން ކޮށް އުޅުނު މަސައްކަތެކެވެ.
މުއިއްޒު ވަނީ އެކަން ކާމިޔާބުވާނެ ކަން ގަބޫލުކުރައްވާ ކަމަށާއި އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަައެވެ.
ރަށް ގިރުމާއި އެހެނިހެން މައްސަލަތަކާއެކު ގިނަ ރަށްތަކަކުން މޫދަށް އެރޭނެ ތަނެއް ބޭނުންވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުދުއްފާރުގެ ރައްޔިތުންވެސް އެފަދަ ތަނެއް ބޭނުންވާ ކަމަށެވެ. އަދި އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނުން ޖާގަ ހޯދައިގެން އެކަން ކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ ހުޅުދުއްފާރުގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ހުރިހާ އެންމެންނަށް ވެސް އިންޑޯ އަދި އައުޓް ޑޯ ކުޅިވަރު ކޮމްޕްލެކްސްއެއް ހައްދަވައި ދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ. އަދި އެ ރަށުގައި ދެން ހުރި ހިނގާ ކަންކަމާއި ހިނގަން ފަށާފައިވާ ކަންކަން އަވަހަށް ނިންމާލުމަށް އިސްކަން ދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް އެކަންތައްތައް ކުރިއަށް ގެންގޮސް ނިންމާލަދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.