މިއަދު އެއްވެސް ކޯޓަކަށް އަދި އެއްވެސް ފަނޑިޔާރެއްގެ މައްޗަށް ސިޔާސީ ނުފޫޒެއް އޮތް ކަމަކަށް ނުބުނެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ޖަލްސާގައި މިއަދު ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހެޔޮވެރިކަމެއް ކުރުމުގައި އެތައް ބައެއްގެ ޒިންމާތަކެއް އެބަހުރި ކަމަށާއި އޭގެތެރޭގައި ޝަރުއީ ދާއިރާއިން އަވަހަށް އިންސާފު ހޯދައިދިނުން ހިމެނޭ ކަމަށެވެ. އަދި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ޝަރުއީ ދާއިރާއެއް އެކަށައެޅުން ކަަމަށް ރައީސް ސޯލިހު ވިދާޅުވިއވެެ.
ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިއާ ހިލާފަށް މިއަދު ސިޔާސީ ނުފޫޒެއް ނެތި އިންސާފު ގާއިމުކުރަން މިނިވަންކަން ދީފައިވާ ކަމަށާއި ޖުޑިޝަރީގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރިއިރު ވަސީލަތްތަކާއި ޖާގައާއި މީހުން ހޯދަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ގޮތާއި ޖަވާބުދާރީވާން ޖެހޭނެ ފަސޭހަ ގޮތް ހޯދައިދޭން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދައުރުގައި އެ ދާއިރާއަށް ގެންނަވާނެ އެއް ބަދަލަކީ އެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަައަށް ގެނެވޭ ބަދަލު ކަމަށާއި އަމިއްލަ ރަށް ނޫން ރަށުގައި މަސައްކަތް ކުރާ ހުރިހާ ފަނޑިޔާރުންނަށް އެކޮމެޑޭޝަން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ އިތުރުން ރ. ހުޅުދުއްފާރަށް ކޮށްދެއްވާނެ ބައެއް ކަންކަންވެސް މިއަދު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ހުޅުދުއްފާރުގެ ތަރައްގީއަށް ގިރާ ސަރަހައްދު ހިމާޔަތްކުރަން ވައުދުވެވަޑައިގެން ކަމަށާއި އެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާ ވާއިރު ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. އަދި ސްކޫލް މަލްޓިޕާޕަސް ހޯލާއި މަގު ހަދާ، ފުޓްބޯޅަ ދަނޑު ގާއިމުކުރަން ވައުދުވެވަޑައިގެން ކަމަށާއި އެތަނުން މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނިމިއްޖެ ކަމަށާއި 3.2 ކިލޯ މީޓަރު މަގު ހެދުމުގެ މަސއްކަތާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ހުޅުދުއްފާރަށް ރައީސް ދެން އަންނަ ދައުރަކަށް ވެވަޑައިގެންނެވި ވައުދު:
- ބޯހިޔާވަހިކަމުގެ ހައްލުކުރަން ހައުސިން ޔުނިޓް ނުވަތަ ފްލެޓް
- ކޮމިއުނިޓީ ސެންޓަރެއް
- ސްކޫލަށް ބޭނުންވެފައިވާ އޮފީހާއި އިތުރު ކްލާސްރޫމުތައް
- މަގުހެދުމުގެ ދެވަނަ ފޭސްގައި އިތުރު މަގުތައް ހަދައިދޭނަން
- ބަނދަރު އަޕްގްރޭޑް ކޮށްދޭނަން
- ހުއްޓިފައިވާ ސިއްހީ މަރުކަޒާއި ފެނަކަ އިންޖީނުގެ އޮފީހުގެ މަސައްކަތް ހަލުވި ސްޕީޑްގައި ގޮސް ނިންމައިދޭނަން
ރައީސް އިތުރަށް ވިދާޅުވީ ރ އަތޮޅުގެ 9 ރަށަށް ވަޑައިގެންއިރުވެސް ތަފާތު ބޮޑުކޮށް ތާއީދު ފެންނަމުންދާ ކަމަށާއި މުޅި ރާއްޖެއިންވެސް ފެންނަމުން ދަނީ އެ މަންޒަރު ކަމަށެވެ.