ބަދަލު ކުޅުންތެރިން ލައިގެން ކާމިޔާބެއް ނުވާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާއެއް އަމާޒު ކޮށްލައިފިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފަހު މަންޒިލެއްގެ ގޮތުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ދާއިރާގެ ރައްޔިތުން މަޖިލީސް ތަމްސީލު ކުރަން އެމްޑީޕީއިން މެންބަރަކު ހޮވި ނަމަވެސް މިހާރު އެ މެންބަރު ހުރީ އެމްޑީޕީގައި ނޫން ކަމަށެވެ.

އެމްޑީޕީ ތެރޭގައި އައި ލޮޅުމުގައި ހުޅުދުއްފާރުގެ އެމްޑީޕީ މީހުންނަށްވެސް އަސަރުކޮށްފައި ވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގޮތެއް ނިންމުމުގައި ކުރިން އެމްޑީޕީގައި ތިބި މެންބަރުން އެކަމާ ދޭތެރޭގައި އަދި އެއްފަހަރު ވިސްނާލުމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުނަށް ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލަން ކަމަށެވެ. އަދި މިއީ އެތެރޭގެ އިންތިހާބެއް ނޫން ކަމަށާއި ރަނގަޅަށް ވިސްނާ އެކަން ނުކޮށްފިނަމަ ނިކުންނާނެ ނަތީޖާ ވަރަށް ދެރަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ ވެރިކަމަށް މީހަކު ގެންނަންވެގެން. މިއަކީ ކުޅޭކުޅޭ ކަމެއް ނޫން ކުރިއަށް އޮތް ފަސް އަހަރު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރައްޔިތުނަށް ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރެއް އެކުލަވާލަން"
ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މި އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށާއި ފުރަތަމަ 4 އަށް [1،2،3،4] އަށް އަންނަ ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ފުރަތަމަ 3 [1،2،3] ގައި ވެސް ޑިމޮކްރެޓްސް ލައްވާނުލާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ފުރަތަމަ ތިން ވަނައަށް ކިޔައިގެން ދިޔަ ކަމުގައި ވިޔަސް އެ ހިސާބަށްވެސް މި ފަހަރު އެ ބޭފުޅުންނަށް އާދެވޭނެ ކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވަނީ ގާނޫނީ ގޮތުން ލިބޭ ފުރުސަތު ހެޔޮ ގޮތުގައި އަދާކުރަން އިލްތިމާސް ކުރައްވާ ވޯޓު ބާކީ ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި ރަނގަޅަށް ވާދަކޮށްލަން ބޭނުން ވަނީ ނަމަ ކުޅެން ޖެހޭނީ ބަދަލު ކުޅުންތެރިން އަރުވައިގެން ނޫން ކަމަށާއި ފުލް ޓީމުގައިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ފުލް ޓީމާއެކު ކަމަށެވެ.

"ރަނގަޅަށް ވާދަކޮށްލަން ބޭނުން ކަމަށްވަންޏާ މި އުޅެނީ އޭ ޑިވިޝަންގެ މެޗެއް އިނގިރޭސި ވިލާތުގަ ވިއްޔާ ޕްރިމިއާ ލީގް މި ކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލް ޓީމު ކުޅެން އަރަންވާނީ. އަޅުގަނޑުމެން މިތިބީ ފުލް ޓީމާއެކު"
ރައީސް ސޯލިހު

ފުލްޓީމު ކަމަށް ރައީސް އެ އިޝާރާތް ކުރައްވަނީ ސީދާ ރައީސް ނަޝީދު އިންތިހާބަށް ނިކުމެވަޑައިނުގަތުމުން އެކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރާނީ ބޮޑުތަނުން އެއްބުރުން ކަމަށެވެ.