އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މީގެ ކުރިން ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްވި ދެ މަހާއި 12 ދުވަހުގެ ހުކުމް މައާފް ކޮށްފައި އޮންނަތާ 2 މަސް ވެއްޖެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ދައުލަތުން އުފުލި ޖިންސީ ކުށުގެ ދައުވާތަކުގެ މައްސަލައިގެ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ ވަޑައިގަތުމަށް ތަކުރާރުކޮށް ޗިޓް ފޮނުވުމުން ވެސް ރާއްޖެ ވަޑައިގެންފައި ނުވާތީއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން އަލީ ވަހީދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ހުުކުމެއް އިއްވާފައިވާ މީހަކު ތެދު ނިޔަތުގައި މައާފަށް އެދޭ ހާލަތުގައި މައާފް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބެއެވެ. އެހެންކަމުން މިއަދު އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ވާއިރު ތަންފީޒު ކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތެވެ.

މިކަން މިހެން އޮތް ނަމަވެސް މައާފު ދިންތާ 2 މަސްވަރުވެފައި ވާއިރު އެކަން މިއަދާ ހަމައަށް ސްޕްރީމް ކޯޓުން އާންމު ކޮށްފައެއް ނުވެއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީއިން ބުނީ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލައިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.

މިހާރުވެސް ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު ވަނީ ޓުވީޓާ މެދުވެރިކޮށް އަދި އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެފައެވެ.

އަލީ ވަހީދު ވިދާޅުވީ ރެހެންދި ފްލެޓުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށާއި ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެ ފުޓޭޖް ބެލުމުން އަލީ ވަހީދު ދައްކަވާ ވާހަކައިގެ ހަގީގަތް އޮޅުން ފިލާނެ ކަމަށްވެސް އޭރު އަލީ ވަހީދު ވިދާޅުވިއެވެ.

ކެބިނެޓުގައި ހިމެނޭ މިނިސްޓަރުންނަށް ވެސް ބަހުގެ ހަަމަލާތައް އަމާޒުކޮށްފައިވާ އަލީ ވަހީދު ވަނީ މި ސަރުކާރު ގެނައުމަށް މަސައްކަތްތަކެއް ކުރެވުނީތީ އެކަމާ ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަނަވާ ކަމަށާއި އަދި އެކަން ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށް ވެސް އޭރު ވިދާޅުވެފައެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތަކަށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު އޭނާއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ދިވެހި ގައުމީ ދިދަ ހިފައިގެން ޓީ ޖެޓީ ސަރަހައްދަށް އެއްވެފައެވެ. އަލީ ވަހީދުގެ ސަޕޯޓަރުންނާއި ސަލާމް ކުރުމަށް ފަހު އަލީ ވަހީދު ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.