ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހީމް އާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ގާސިމްއާއެކު މިއަދު ބޭއްވި އެ ބައްދަލުވުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އަދުރޭގެ އިތުރުން ޕީޕީއެމްގެ ނައިބުރައީސް އަހްމަދު ޝިޔާމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަދި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބަށް 2 މަހަށްވުރެ މަދު ދުވަސްކޮޅަކަށްވެފައިވާއިރު ޖުމްހޫރީ ޕާޓީ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ 2 ކެނޑިޑޭޓުން ނެރެ ކެމްޕެއިން ކުރަމުންނެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޔާމީން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނައިރު ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭނީ އެ ޖަލު ހުކުމް ބާތިލްވުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންއަށްކޮށްފައިވާ ހުކުމް އަވަސްކޮށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމުގެ އިސްތިއުނާފު މައްސަލައިގެ އިއްޔެގެ އަޑުއެހުން ހައިކޯޓުގެ ފަނޑިޔާރަކު އާއިލީ ޒިންމާ ޗުއްޓީގައި ހުންނެވުމުން ވަނީ ކެންސަލްކޮށްފައެވެ.