އައްޑޫ ސިޓީ ހުޅުދޫގައި މޫދަށް ގޮސް އުޅުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު މޫދަށް ދިޔަ މީހަކު ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު ހެނދުނު 11:48 ހާއިރު އެ މީހާ މޫދުން ފެނިފައިވާ ކަމަށެވެ.

ރަށު ހެލްތް ސެންޓަރަށް އެ މީހާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި ނިޔާވެފައި ވަނީ 78 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ރާއްޖެއާ ފަތުރުވެރިއަކު ވެސް ވަނީ މޫދަށް އެރި އުޅެނިކޮށް ގެނބިގެންމަރުވެފައެވެ. އަދި ހަމަ އެ ދުވަހު 8 އަހަރުގެ އިންޑިއާ ކުއްޖަކުވެސް ވަނީ ރާއްޖޭގެ ރިސޯޓެއްގައި ގެނބިގެން މަރުވެފައެވެ.