ފަހަކަށްއައިސް އަބަދުވެސް އަޑުއިވޭ އެއް ވާހަކައަކީ ކޮންމެވެސް ތާކު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހެއްގެ ނުވަތަ ބައެއްގެ ފުރާނައަށް ނުރައްކާވެގެން އުޅޭ ވާހަކައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ބައިބޯ ރަށެއް ކަމުގައިވާ މާލެ އަކީ މިކަމުގައި އަރާ އޮތް ތަނެކެވެ. މިކަމުގެ ސަބަބަކީ ކުދިކުދި ތަންކޮޅުގައި ގިނަ ބަޔަކު ތޮއްޖެހިގެން އުޅުން ހެއްޔެވެ؟ ނޫނީ ދުއްވާ މީހުން ފަރުވާ ކުޑައީ ހެއްޔެވެ؟ ޓްރެފިކް ޕޮލިހުން އެމީހުންގެ ޒިންމާ ރަނގަޅަށް އަދާ ނުކުރުން ހެއްޔެވެ؟ ނުވަތަ އެކަށޭނެ ގޮތުގައި ސަލާމަތީ ފިޔަވަޅުތައް ނޭޅެނީ ހެއްޔެވެ؟ މިކަމުގައި ކުއްވެރި ކުރަންވީ ކާކު ހެއްޔެވެ؟
ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް އިތުރުވެ، އޭގެ ސަބަބުން ފުރާނަ ގެއްލުމުގެ އެކި ހާދިސާތަކާއި، އެކިވަރުގެ ދާއިމީ ބޮޑެތި ހާނިކަތައް ލިބި، ހީނުކުރާ ހާލަތުގައި ތިބެން މަޖުބޫރުވެފައިވާ މީހުން މިކުޑަ މުޖުތަމައުގެ ތެރޭގައި އަންނަނީ އިތުރުވަމުންނެވެ. ދުނިޔެ ދޫކޮށް އެއްބަޔަކު ދާއިރު އަނެއްބަޔަކު އުމުރަށް ނުކުޅެދުންތެރި ބަޔަކަށް ދަނީ ވަމުންނެވެ. މިއީ ތަފާސްހިސާބު ތަކުން ފެންނަން އޮތް ހަގީގަތެވެ.
މިދިޔަ 2022 ވަނަ އަހަރު މުޅި ރާއްޖޭގައި 3500 އަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައި ވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. އެގޮތުން ޖުމްލަ 3591 އެކްސިޑެންޓް ވަނީ ރިޕޯޓު ކޮށްފައެވެ. މިއީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު އިތުރު 1070 އެކްސިޑެންޓެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނަ އަދަދެއްގެ އެކްސިޑެންޓްތައް ހިނގާފައި ވަނީ މާލެ ސަރަހައްދުގައެވެ. މިދިޔަ އަހަރު މާލެ އާއި ހުޅުމާލޭގައި 2941 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިދިޔަ އަހަރު މާލޭ ސަރަހައްދު ފިޔަވައި އަތޮޅުތަކުން އެންމެ ގިނައިން އެކްސިޑެންޓުތައް ރިޕޯޓުކޮށްފައި ވަނީ އާބާދީގެ ގޮތުން ރާއްޖޭގައި ދެވަނައަށް އެންމެ މީހުން އަދި ވެހިކަލް ގިނަ އައްޑޫ ސިޓީއިންނެވެ. އެ ސިޓީގައި މިދިޔަ އަހަރު 194 އެކްސިޑެންޓް ރިޕޯޓު ކޮށްފައި ވެއެވެ. މީގެތެރެއިން 130 އެކްސިޑެންޓް ރިޕޯޓު ކޮށްފަ އިވަނީ ހިތަދޫއިންނެވެ.
ލިންކު ރޯޑާ އެކު މިހާތަނަށް 200 އެއްހާ މަރު!
ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑެތި މަގުމަތީގެ އެކްސިޑެންޓުތައް މިހާތަނަށް ހިނގާފައި ވަނީ އައްޑޫގައެވެ. 2003 ގައި ލިންކު ރޯޑު ބޭނުން ކުރަން ފެށިފަހުން މިހާތަނަށް 200 އަށްވުރެ ގިނަ މީހުން ވަނީ އެކްސިޑެންޓުތަކުގައި މަރުވެފައެވެ. މިކަމުން ފިލާވަޅު ލިބި އިބުރަތް ހޯދާ އެއްވެސް މީހަކު ނެތުމީ ހިތާމަ ކުރަންޖެހޭ ކަންކަމެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭ މީހުން އަދިވެސް ވަރަށް މަދެވެ. ދުވެލި މަޑު ކުރުމަށާއި މަގުތަކުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އެކި ތަންތާ ބޯޑުތައް ޖަހާފައި ހުރިނަމަވެސް ގިނައީ ސަމާލުކަން ނުދޭ މީހުންނެވެ.
ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ދުއްވާ އިރު ހެލްމެޓް އަޅަން ގާނޫނު މަޖުބޫރުކޮށްފައި އޮތަސް އެކަމަށް ވެސް ތަބާނުވާ މީހުން ފެނެއެވެ. މީގެ އިތުރުން ރަށުތެރޭގައި ދުއްވަން ހުއްދަ ދީފައި އޮންނަ މިންގަނޑު "ބޮލާލާ ޖަހައި" ސައިކަލާއި ކާރު ދުއްވާ މީހުންނާ ހެދި ބައެއް ފަހަރު އާންމުން ބިރުން ގޮސް ފިއްކަނޑައިގެން ދާވަރު ވާ ކަމަށް އައްޑޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައި ވެއެވެ. އައްޑޫގައި މިހާތަނަށް ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަށް ބަލާ އިރު، ގިނަ ހާދިސާތައް ގުޅެނީ ބާރު ދުވެއްޔާއެވެ. އެހެންވެ އެއީ ވަކިން ބޮޑަށް ސަމާލުކަން ދޭން ޖެހިފައި އޮތް ކަމެކެވެ. ފުލުހުން ދާދި ފަހުން ހިންގަން ފެށި ޓްރެފިކް އޮޕަރޭޝަނެއްގައި މިކަން ކުރިއަށް ވުރެ ރަނގަޅަށް މޮނިޓަކުރަން "ސްޕީޑް ގަން" ވެސް ބޭނުން ކުރަން ވަނީ ފަށާފައެވެ. ނަމަވެސް މިދުވަސްވަރު އަައްޑޫގެ މަގަކުންވެސް އަދި ލިންކް ރޯޑަކުން ވެސް ފުލުހަކު ނުފެނެއެވެ. ޓްރެފިކް ފުލުހަކުވެސް ނުފެނެއެވެ.
ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް އަބްދުﷲ އިބްރާހިމް (ޑީޑީ) ވިދާޅުވި ގޮތުގައި އައްޑޫގައި "ސްޕީޑް ގަން" ބޭނުންކުރަން ފެށުމުގެ މައިގަނޑު މަގުސަދަކީ ބާރަށް ދުއްވުން ހުއްޓުވައި މަގުތަކުގެ އަމާން ރައްކާތެރި ތަނަކަށް ހެދުމެވެ.
އާންމު މަގުތަކުގައި ރޭސް ޖެހުން ހުއްޓާލަން ޖެހޭ
އާންމު މަގުތަކުގައި ރޭސް ޖެހުން އިތުރުވަމުން އަންނަ އިރު މިކަމާ ގުޅޭ ގޮތުން ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ވަނީ ބާރު ސްޕީޑުގައި ރޭސް ޖެހުން ހުއްޓާލާ ރޭސް ޖަހާ މީހުން ޒިންމާދާރު ވުމަށް ގޮވާލާފައެވެ. މިދިޔަ އަހަރުވެސް ރޭސިން ކާރަކާއި ބަހެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވާއިރު މިއީ ވިސްނާލަންޖެހޭ ކަންކަމެވެ.
މާލެއާއި އަތޮޅުތެރޭގެ އެތެރޭގެ މަގުތަކާއި ގޯޅިތަކުގައިވެސް ބާރަށް ދުއްވައިގެން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގައި މީހުން މަރުވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ މަގުމަތީގައި ބާރަށް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާ ތަން ނުފެންނަކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ލައިސަންސް އޮތަސް ނެތަސް ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ މީހުން ފުލުހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދުއްވާފައިދާ ދެމަފިރިން ހުއްޓުވައި ޗެކްކުރާލެއް ގިނަކަމަށެވެ. އަދި ވިދާޅުވީ ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން އެންމެން ރައްކާތެރި ކުރަންޖެހޭ ކަމަށެވެ.
މާލޭ ސަރަހައްދުގައި ބާރަށް ދުއްވާ މައްސަލައިގެ ކަންބޮޑުވުން ފާޅުކުރި މީހަކު ބުނިގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލު ނުކޮށް އެމީހަކު ބޭނުންހާ ގޮތަކަށް ނޫޅެވޭ އިރު ރާއްޖެއިން އެކަން ނުފެންނަ ކަމަށެވެ. ޓްރެފިކް ފުލުހުންގެ ކުރިމަތިން ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުން އުޅޭ ގައުމެއް މި ރާއްޖެ ނޫނީ ނޯންނާނެ ކަމަށް ބުނެ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.
ނުރައްކާތެރި ދުއްވުންތައް ދުއްވާ އެތައް ބިދޭސީންނެއް!
ބާރަށް ދުއްވުމުގައި ބިދޭސީންންވެސް ވަކި ދިވެހީންނަކަށް ދުލެއް ނުކުރެއެވެ. މި ގައުމުން މިހާރު މި ފެންނަނީ އަހަރެމެން ދެއްކި ނަމޫނާގެ ހިޔަނި ބިދޭސީން ކިބައިން ފާޅުވަމުން އަންނަ ތަނެވެ. ޓްރެފިކް ގަވައިދުތަކާ ހިލާފުވާ ބިދޭސީން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ތަފާތު މަސައްކަތްތަކުގައި ދުއްވާ ހެވީ ވެހިކަލްތަކާއި ދެލިވަރީގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ ހަމައެއް ލަމައެއް ނެތެވެ.
ފުލުހުން ހިއްސާ ކުރި ތަފާސްހިސާބަށް ބަލާއިރު މާލެ އަދި ހުޅުމާލެ ސަރަހައްދުގައި 2020 ވަނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން 2022 ވަނަ އަހަރުގެ ނޮވެމްބަރު 30ގެ ނިޔަލަށް 7956 ފަހަރެއްގެ މަތީން ޓްރެފިކް ގަވައިދާ ހިލާފުވެގެން ބިދޭސީން ޖޫރިމަނާ ކުރިއެވެ. އެންމެ ގިނަ ބިދޭސީން ޖޫރިމަނާ ކޮށްފައި ވަނީ އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އުޅަނދު ދުއްވައިގެން ނުވަތަ އުޅަނދު ބޭނުން ކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ 2742 މީހުންނެވެ. މިއީ އެވްރެޖުކޮށް ބަލާއިރު ކޮންމެ ދެ ދުވަހަކުން 5 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފައި ވަނީ ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ، ބާރަށް ދުއްވައިގެންނެވެ. ރާއްޖޭގައި މަސައްކަތް ކުރަން އައިސްގެން އުޅޭ ބިދޭސީން ވެސް ދިވެހިން ގޮތަށް ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ވަރު ފުލުހުންގެ ތަފާސް ހިސާބުތަކުން މި ހުރީ ސާފުކޮށް ފެންނާށެވެ.
ބާރަށް ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި ނުކުޅެދޭ ހާލު ޖެހިފައިވާ މީހުންނާއި މަރުވާ މީހުން އިތުރުވަމުން ދާއިރު ދުވެލި މަޑުކޮށް ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތާއި ފަރުދީ ޒިންމާ ކޮންމެ މީހަކުމެ މިވަނީ އަދާކުރަން ޖެހިފައެވެ. ގަވައިދާ ހިލާފަށް ދުއްވާ މީހުންނާ މެދު އިދާރާތަކުން ފިޔަވަޅު އަޅާއި އަމާން ރައްކާތެރި މުޖުތަމައަކަށް މިތަން ހަދަން މިވަނީ މަޖުބޫރު ވެފައެވެ.