ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. މަރޮއްޓަށް ގިނަ ވައުދުތަކެއްވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށްޓަކައި ށ. އަތޮޅަށް ވަޑައިގެން މަރޮށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މަރޮށްޓަކީ މީގެ ކުރިން ބާކީކުރެވި އެކަހެރި ކުރެވިފައި އޮތް ރަށެއް ކަމަށެވެ.

މީގެ ކުރިން އެ ރަށަށް ގެނެވިފައިވާ ތަރައްގީއާއި ކުރެވިފައި ހުރި ގިނަ މަސައްކަތްތައް ކުރެވިފައިވަނީ އެ ރަށުގެ ކޮންމެވެސް ދަރިއެއްގެ އެހީތެރިކަމާއެކު ކަމަށާއި އެހެންނަމަވެސް މި ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ސިޔާސަތަށް ގެނެވުނު ބަދަލާއެކު އެ ރަށް ވެސް ވަނީ ރާއްޖޭގެ ޗާޓަށް އަލުން ވަދެފައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެގޮތުން މި ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު އެންމެ ފުރަތަމަ ގާއިމުކުރަން ކޮންޓްރެކްޓެއް ކޮށް ހަވާލުކުރެވުނު އެއް ރަށަކީ މަރޮށި ކަމަށާއި މަސައްކަތުގައި ހަވާލުކުރި ފަރާތުން ލަސްތަކެއް އެބަހުރި ނަމަވެސް އެ ކޮންޓްރެކްޓް ބާތިލުނުކޮށް އެ މީހުންނާއެކު އެ މަސައްކަތް ކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 މަސް ދުވަހެއްގެ ތެރޭގައި ވަރަށް ކައިރިން އެކަން ބަލަމުންދާނެ ކަމަށާއި އެ މަސައްކަތް ނިންމެން އޮތީ ކޮން ގޮތަކުންތޯ ބަލާ އެކަން ސަރުކާރުން ކުރާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މަރޮށީގެ ރައްޔިތުންގެ ފަރާތުން މީގެ ކުރިން އެދުނު އެންމެ ބޮޑު އެއް ކަމަކީ ބަނދަރު ރަނގަޅު ފެންވަރަކަށް ހަދައިދިނުން ކަމަށާއި މިހާރު އެ ދަނީ އެކަން ފުރިހަމަވަމުން ކަމަށާއި އެ ބަނދަރު ހެދިގެންދާއިރު ރާއްޖޭގެ އުތުރުގައި އޮތް އެންމެ ފުރިހަމަ އެންމެ ފަސޭހަ ބަނދަރަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަހަރު އިންތިހާބަށް ނިކުންނެވީ އެންމެ ބޮޑު ކޯލިޝަނާއެކު ކަމަށާއި 77،700 އަށް ވުރެ ގިނަ މެންބަރުން މިއަދު ކޯލިޝަނުގައި އެބަތިބި ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެ އަދަދު 90،000 އަށް އިތުރު ކުރުން ކަމަށެވެ.

މި އިންތިހާބުން ކާމިޔާބުކުރެއްވިއްޖެނަމަ މަރޮށި ގިރާ ސަރަހައްދު ހިމާޔަތް ކޮށް މަރޮށިން 40 ހެކްޓަރު ބިން ހިއްކައި ރިވެޓްމެންޓް ޖެހުމަށްފަހު ރައްޔިތުންނަށް އެތަނުން ގޯތި ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން މަރޮށީގައި 50 ހައުސިން ޔުނިޓު ވެސް ގާއިމް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ދެން އޮންނާނީ މަގު ހެދުން ކަމަށާއި ކުރިއަށް އޮތް 5 އަހަރު ތެރޭގައި މަގު ހަދާ ރަށްތަކުގެ އެންމެ ކުރީގައި މަރޮށީގެ ނަން ހިމަނާނެ ކަމަށެވެ. އަދި މަރޮށީގެ ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ރަށަށް ބޭނުންވާނެ ޑޮކްތަރުން ހަމަޖައްސައިދޭނެ ކަމަށާއި ބޭންކުގެ ހިދުމަތް ހޯދައިދިނުމަށްޓަކައި އޭޓީއެމްގެ ހިދުމަތް މި އަހަރުގެ ތެރޭގައި ރަށުގައި ގާއިމް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅިވިއެވެ.

މީގެ އިތުރުން ޒުވާނުންނަށް ބޭނުންވާ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކަކީ ދޫކޮށްލާ ކަމެއް ނޫން ކަމަށާއި ބޮޑުފުޓުބޯޅަ ދަނޑެއް ހަދައިދީ ޓާފު އަޅައި ކުރިއަށް އޮތް ތަނުގައި ނިންމައިދޭނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.