ކުރިއަށް އޮތް 5 އަހަރު ތެރޭގައި ށ. ކޮމަންޑޫ ކައިރީގައި އޮތް ކުޑަފަރުގައި ރައްޔިތުނެ އެދޭ ގޮތަށް އެއާޕޯޓު އަޅައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅަށް ވަޑައިގެން ކޮމަނޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަމަށް އައީ ވައުދުތަކެއްވެ ވަޑައިގެން ކަަމަށާއި ޖުމްލަކޮށް މުޅި ރާއްޖެއަށް ވެވަޑައިގެން ވައުދުތަކުގެ 90 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ނިމި ނުވަތަ އެ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާ ކަމަށެވެ.

އަނެއްކާވެސް ވެރިކަމަށް ވަޑައިގަންނަވާއިރު ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށާއި ވައުދެއްވެވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ދަތިތަކާއި އުނދަގޫތައް ހުރެ އެއަށް ހައްލު ހޯދަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިދިޔަ އިންތިހާބުގައިވެސް 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ގޮތް ހަދައިދިނުމަކީ ވައުދެއް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ކޮމަންޑޫއާއި މި ހިސާބުގެ ރަށްތަކަކަކީ އެ ގުޅުން ނެތް 20 މިނެޓުން ނާދެވޭ ރަށްތައް ކަމަށާއި ކުރިއަށް އޮތް 5 އަހަރު ތެރޭގައި މި ކޮމަންޑޫ ކައިރީގައި ކުޑަފަރުގައި އެއާޕޯޓު އަޅައިދެއްވާނެ ކަމަށެވެ. އަދި މި ކޮމަންޑޫއާއި މަތި ކޮމަންޑޫ ދެން އަޑުއިވޭނީ އެއް ކޮމަންޑޫއެއްގެ ގޮތުގައި ކަމަށާއި އެ ވައުދު ފުދެމުންދާތަން މިއަދު ފެންނަމުންދާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލާ މަޝްރޫއަށް ބޭނުން ކުރާ ޑްރެޖަރު ހއ. އިހަވަންދޫ އަށް މިސްރާބު ޖަހާފައިވާ ކަމަށާއި އެ ރަށުގެ ބިން 7-9 ހިއްކާ ނިންމުމަށްފަހު ދެން ޑްރެޖަރު ދަތުރު ކުރާނީ ކޮމަންޑޫ އަށް ކަމަށާއި މި މަހުގެ ފަހު 10 ގައި ޑްރެޖަރު އޮންނާނީ ކޮމަންޑޫގައި ކަމަށް ވިދާޅުވިއެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދެ ކޮމަންޑޫ ގުޅާލައި އެއް ސަބަބަކީ ކޮމަންޑޫއަކީ ބިން ކުޑަ ރަށަކަށްވުމުން ކަމަށާއި ކުރިއަށް އޮތް ފަސް އަހަރު މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމަށާއި ކޮމަންޑޫ ސިއްހީ މަރުކަޒު ދެން ބަދަލުވެގެން ދާނީ 30 އެނދުގެ ހޮސްޕިޓަލަކަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނާއެކު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ މިނިސްޓަރުން ވަނީ ށ އަތޮޅަށް ވަޑައިގެންފައެވެ. ރައީސް ސޯލިހާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ހޯމް މިނިސްޓަރު އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ފެނަކައިގެ މެނޭކިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަހަރު ތަކަކަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް މި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ށ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެެވެ.

ރައީސްގެ މި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ މަރޮއްޓާއި ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ކެމްޕެއިން ފެށުމުގެ ރަސްމިީ ޖަލްސާ މިރޭ ފޯކައިދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައިދިނުމަށް ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތް ށ. އަތޮޅުން ފެއްޓެވިއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ދޮރުން ދޮރުން ކެމްޕެއިން ވަނީ ފައްޓާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ހަރަކާތް މިހާރު ލ އަތޮޅުގައި ކުރިއަށްދާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތް މިހާރު ކުރިއަށްގެންދަނީ ހދ. އަތޮޅުގައެވެ.