ށ. ކޮމަންޑޫއިން ކެމްޕެއިން ފެށީ ކޮމަންޑޫއިން ފަށާ ކެމްޕެއިނަކުން މިހާތަނަށް ބަލިވެފައި ނުވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމަށްޓަކައި ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމު މިއަދު ށ. އަތޮޅަށް ވަޑައިގެން ކޮމަނޑޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކެމްޕެއިންގެ ފުރަތަމަ ރަށް ކަމުގައި ކޮމަންޑޫ ވެގެން ދިޔައީ ސަބަބެއް ނެތިއެއް ނޫން ކަމަށާއި ކޮމަންޑޫ އަކީ ކެމްޕެއިނަށް ފަރިތަ އަދި މޮޅަށް ކެމްޕެއިން ކުރައްވާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ.

ކޮމަންޑޫއިން ފަށާ ކެމްޕެއިނަކުން ބަލި ވެފައެއް މިހާތަނަކަށް ނެތް ކަމަށާއި ފެށުން މިއޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމެއް ކަމަށާއި ފުރަތަމަ ކަމަކަށް އަމާން މުޖުތަމައުއެއް ގާއިމުކުރަން އެބަ ޖެހޭ ކަމަށެވެ. އަދި މިދިޔަ 5 އަހަރު މި ސަރުކާރުން ކުރި އެންމެ ބުރަ އެންމެ މުހިއްމު މަސައްކަތަކީ މި ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމައުއަކަށް ހަދަން ކުރި މަސައްކަތް ކުރުން ކަމަށާއި އެ މަސައްކަތުގެ ހެޔޮ ނަތީޖާ މާލެއާއި މުޅި ރާއްޖޭގެ ކަންކޮޅުތަކުން ރައްޔިތުން ދެކެމުން އެބަ ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

2018 ގައި ވެރިކަމަށް އައިއިރު ރާއްޖޭގެ ހާލަތަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ މަގުމަތީގައި މީހުން މަރަމުން ދިޔަ ކަމަށާއި ވިޔަފާރިވެރިއަކަށް ހަމަޖެހިލައިގެން ވިޔަފާރިއެއް ނުކުރޭ ކަމަށެވެ. އަދި މިއަދު މިއައި ބަދަލު ކޮންމެ މީހަކަށްވެސް ފެނިގެންދާނެ ކަމަށާއި ކޮންމެ މީހަކަށްވެސް އުފާވެރި ދިރިއުޅުމެއް ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދަރިންގެ ތައުލީމާ ފެންވަރު ރަނގަޅު ހިދުމަތާ މީހާ ގާތްވި ވަރަކަށް މީހާގެ ދިރިއުޅުމަށް އުފާވެރިކަން އަންނަމުންދާނެ ކަމަށާއި މިއަދު ފެންނަމުން މިދަނީ އެ މަންޒަރު ކަމަށެވެ. އަދި މަގުތަކުގެ އަމާންކަމާއި އިޖުތިމާއީ ދުޅަހެޔޮކަމާއި ހަމަޖެހުން މިއަދު ލިބެމުންދާ ކަމަށާއި މަގާއި ބަނދަރާއި ކަރަންޓާއި އެއްގަމާއި ވައިގެ ދަތުރުފަތުރު އަދި ފެނާއި ނަރުދަމާ އަސާސީ ހުރިހާ ހިދުމަތްތައް މިހާރު ގާއިމު ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޓާޝަރީ ހޮސްޕިޓަލްތަކައި ޓިވެޓް ސެންޓަރުތަކާއި ޖޫނިއާ ކޮލެޖުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވެމުންދާ ކަމަށާއި އެ ކާމިޔާބީތަކަށް ވާސިލުވެވުނީ ދަތި ހުރަސްތައް ނެތިއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ މެދުނުކެނޑި ސަރުކާރަށް ދައްޗާއި އުނދަގޫ ކުރަމުންދިޔަ ބަޔަކު ތިބި ކަމަށާއި އެކަންކަމަށް ޖާގަ ނުދީ އިސްކުރީ ރައްޔިތުންގެ މަސްލަހަތާއި ދިރިއުޅުން ކަމަށް ވިދާޅުވިއެވެ.

"އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނާއެކު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ގިނަ މިނިސްޓަރުން ވަނީ ށ އަތޮޅަށް ވަޑައިގެންފައެވެ. ރައީސް ސޯލިހާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި ހޯމް މިނިސްޓަރު އަދި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަދި ފެނަކައިގެ މެނޭކިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަހަރު ތަކަކަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް މި ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ށ. އަތޮޅަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެެވެ.

ރައީސްގެ މި ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ މަރޮއްޓާއި ނޫމަރާ އަދި ފޯކައިދޫއަށް ވަޑައިގަތުމަށް ނިންމަވާފައިވާއިރު ކެމްޕެއިން ފެށުމުގެ ރަސްމިީ ޖަލްސާ މިރޭ ފޯކައިދޫގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތާއި ބަނދަރު އަދި ފުޓްބޯޅަ ދަނޑު ހުޅުއްވައިދިނުމަށް ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތް ށ. އަތޮޅުން ފެއްޓެވިއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ދޮރުން ދޮރުން ކެމްޕެއިން ވަނީ ފައްޓާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ހަރަކާތް މިހާރު ލ އަތޮޅުގައި ކުރިއަށްދާއިރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ ކެމްޕެއިން ހަރަކާތް މިހާރު ކުރިއަށްގެންދަނީ ހދ. އަތޮޅުގައެވެ.