އިއްޔެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާއިން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދެކޮޅުހަދައި ގަދަ ދެއްކުމުގެ ސަބަބުން އޭނާގެ ފަޔަށް އަނިޔާވެފައިވާ ކަމަށާޢި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި މިއަދު އޭނާގެ ބަންްދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލައިފަވާ ކަމަށެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިހްތިޖާޖު ތެރެއިން އެމީހާ އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލުމުން ކަމަަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރު ކުރި އިރު އޭނާއާއެކު ކުޑަ ކުއްޖަކު ހުއްޓާ ނުދެކޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، އިހްތިޖާޖު ހިނގަމުން ދިޔަ ސަރަހައްދުގައި ތިބި އެސްއޯ ފުލުހުންގެ ތެރެއިން ދެ ފުލުހަކު އެ މީހާގެ ދެ އަތުގައި ބާރަށް ހިފަހައްޓައެވެ. އެއަށްފަހު އެސްއޯ ފުލުހުން އޭނާ ވަށާލައި، ގެންގޮސް، ފުލުހުންގެ ވެހިކަލަށް އަރުވާ މަންޒަރު ފެނެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ ފައިގެ ބޮޑުވާ އިނގިލީގައި އޮތީ މަލަން އަޅާފައެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުވިދާޅުވެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވެފައި ވަނީ ފުލުހުން އެ މީހާ ހައްޔަރުކޮށްގެން ގެންދިޔަ ގޮތް ތަހްގީގުކޮށް ބަލަން ޖެހޭ ކަމަށެވެ. އަބްދުﷲ ޒިފާން ޒާހިދުގެ ނަމުގައި ޓްވިޓާގައި ހިޔާލު ފާޅުކުރި ޕީޕީއެމްގެ އެކްޓިވިސްޓަކު ބުނީ، ފުލުހުން އެ މީހާ ހައްޔަރުކުރި ގޮތުގެ ސަބަބުން އެ ތަނުގައި ހުރި ކުޑަކުއްޖާ އަށް ނަފްސާނީ ގޮތުން އަސަރުކުރާނެ ކަމަށާއި، އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ފުލުހުން އެ މީހާ ހައްޔަރު ކުރި ގޮތުން އާންމުންގެ ފާޑު ކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ.