އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު މިއަދަށް ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫން ބުނީ، އެ ކުންފުންޏަށް 18 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މަސްރޭސް ބާއްވަނީ އެހެން އަހަރުތަކަށް ވުރެ ފޯރިގަދަކޮށް އަދި ކުލަ ގަދަކޮށް ކަމަށެވެ.
މީގެ ކުރިން އުރީދޫ މަސްރޭސް ބާއްވާފައި ވަނީ ހަމައެކަނި މާލޭގައެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މާލޭގެ އިތުރުން، މި އަހަރު ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫގައި މަސްރޭސް ބާއްވަން އުރީދޫން ވަނީ ނިންމައިފައެވެ.
އުރީދޫ މަސްރޭހުގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ޓީމް ރެޖިސްޓްރީކުރުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލައިފައެވެ. ޓީމުގެ ކެޕްޓަނާއި އޮފިޝަލް ހިމެނޭހެން 12 މެންބަރުން ތިބެން ވާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމުގައި ޓީމުގެ ކެޕްޓަނާއި އޮފިޝަލް ހިމެނޭހެން 12 މެންބަރުންގެ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ހިމަނަން ޖެހޭ މައުލޫމާތުގެ ތެރޭގައި ޓީމުގެ ކޮންމެ މެންބަރެއްގެ ޓީޝާޓު ސައިޒާއި ޓީމުގެ ފަރާތުން ގުޅޭނެ މީހެއްގެ ނަންބަރާއި ބައިވެރިވާން ބޭނުންވާ ސިޓީގެ މައުލޫމާތު ފޯމުގައި ހިމަނަން ޖެހޭނެއެވެ.
އުރީދޫ މަސްރޭހުގައި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް (ކޮންމެ ސިޓީއަކުން):
- 1 ވަނަ ޓީމް: 25 ހާސް ރުފިޔާ
- 2 ވަނަ ޓީމް: 10 ހާސް ރުފިޔާ
- 3 ވަނަ ޓީމް: ފަސްހާސް ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ (ފިރިހެން): 1،000 ރުފިޔާ
- އެންމެ މޮޅު މަސްވެރިޔާ (އަންހެން): 1،000 ރުފިޔާ
- ކޮންމެ ސިޓީއަކުން ޖުމްލަ 42 ހާސް ރުފިޔާގެ އިނާމު
ކޮންމެ ސިޓީއެއްގައި ވެސް މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:
- މާލެ: އޮގަސްޓު 4
- ކުޅުދުއްފުށި: އޮގަސްޓު 11
- އައްޑޫ: އޮގަސްޓު 18
- ފުވައްމުލަކު: އޮގަސްޓު 25
މި މުބާރާތުގައި ކޮންމެ ސިޓީއަކުން ވެސް 12 ޓީމް މަދުވެގެން ބައިވެރިވާނެ ކަމަށާއި ގިނަވެގެން 30 ޓީމް ވާދަކުރާނެ ކަމަށް އުރީދޫން ބުންޏެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓްރީވެއްޖެ ނަމަ ބައިވެރިވާ ޓީމުތައް ކަނޑައެޅުމަށް ގުރުއަތު ނަގައިގެން ޓީމުތައް ހޮވާނެ ކަމަށާއި ނުހޮވޭ ޓީމްތަކަށް ފުލް ރީފަންޑު ލިބޭނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.