މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 11 ރަށަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ ހދ. ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި ށ. ކޮމަންޑޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ 1 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ބ. މާޅޮހުގައި ފެންބޮޑުވެ 3 ގެއަކަށް ގެއްލުން ލިބުމާއެކު ގިނަ އަދަދެއްގެ ގަސް ވެއްޓިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ޅ. ނައިފަރުގައި ވާރޭ ވެހި ފެންބޮޑުވުމުގެ އިތުރުން ގަދަ ވައިގެ ސަބަބުން 1 ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށާއި ހއ. އިހަވަންދޫގައި ގަދަ ވައިގެ ސަބަބުން 1 ގެއެއްގެ ފުރާޅު އެއްލާލުމާއި 1 ގެއެއްގެ ފާރެއްގެ މައްޗަށް ގަހެއްވެއްޓި ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ކ. މާފުށި، ދިއްފުށި އަދި ތުލުސްދޫއަށް ވައިގަދަވެ ބައެއް ރުކާއި ގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށާއި ހުރާގައި 1 ގެއެއްގެ ފުރާޅުން ބައެއް އެއްލާލާ ބައެއް ގެއްލުން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފ. ފީއަލީގައި ވައިގަދަވުމުގެ ސަބަބުން 1 ގެއެއްގެ ފުރާޅުއެއްލާލައި ގެއްލުން ލިބިފައިވާ ކަމަށާއި އއ. ފެރިދޫގައި މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ބަންބުކެޔޮ ގަހެއްވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އެ އެޖެންސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ހާދިސާގެ ސަބަބުން އެ ގޭގައި ދިރިއުޅުން ފަރާތަށް ފެރިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދާ ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.