ހައި ސްޕީޑް ފެރީ އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން ހުވަދު އަތޮޅުގެ ރަށްތަކަށް ހިދުމަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީގެ ހިދުމަތް ހުވަދު އަތޮޅަށް ފެށުމައްޓަކައި މާދަމާ މާލެއިން 6 ފެރީ އެ އަތޮޅަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ. މިފެރީތައް ހުވަދު އަތޮޅަށް ފުރަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ފެރީ ޓާމިނަލް ސަރަހައްދުން މާދަމާ ހެނދުނު 10:50 ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ އާރްޓީއެލްގެ ފެރީތައް ހިތްގައިމު ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

6 ޒޯނަކަށް ބަހާލައިގެން އާރްޓީއެލް ފެރީގެ ހިދުމަތް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރަމުން ދާއިރު މުޅި މަޝްރޫއު ނިމޭއިރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ 82 އުޅަނދާއި 188 ފެރީ ޓާމިނަލް ހުންނާނެއެވެ. މިހާރުވެސް ހަތަރު އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން ހއ އަތޮޅާއި ހދ އަތޮޅާއި ށ އަދި ޅ އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށް ހިމެނެއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އާރްޓީއެލް ސްޕީޑް ފެރީގެ ނިޒާމުން ގުޅާލުމަކީ ސަރުކާރުގެ އަމާޒެވެ. ހުވަދު އަތޮޅަށް ފަހު ދެން އެމްޓީސީސީން މަސައްކަތް ފަށާނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށެވެ.