ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުން އިފްތިތާހު ކޮށްފިއެވެ.
އެ ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ދުރާލާ އިންޒާރު ދޭ ނިޒާމް ހަރުދަނާ ކުރުމަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކޮށް މިކަމަށް ހޭނުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ރަށްރަށާއި ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރަންވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.
ޝައުނާ ވިދާޅުވީ ވަކިން ހާއްސަކޮށް އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އިތުރުވާ މޫސުމީ ކާރިސާތަކުން ރައްކާވެތިބުމަށާއި މިކަމަށް ތައްޔާރުވުމަށް ދުރާލާ އިންޒާރުދޭ ނިޒާމްތައް ހަރުދަނާކޮށް އެކަމުގެ މައުލޫމާތު އާންމުންނަށް އަވަހަށް ފޯރުކޮށް ދިނުން މުހިއްމު ކަމަށެވެ.
އދ ގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ސައިންޓިފިކް ޕެނަލުގެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ޕެރިސް އެގްރީމަންޓުގައި ކަނޑައެޅިފައިވާ 1.5 ޑިގްރީ ފިނިހޫނު މިނުގެ ލަނޑުދަނޑިއަށް ވުރެ ދުނިޔޭގެ ފިނިހޫނުމިން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށްވެސް މިނިސްޓަރު ޝައުނާ ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހާލަތެއްގައި ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ގިނަގުނަ ގޮތްގޮތުން ލިބޭ ގެއްލުން އިތުރުވާނެ ކަމަށް ސައިންޓިސްޓުން ލަފާ ކުރައްވާ ކަމަށްވެސް ޝައުނާ ހާމަކުރެއްވިއެވެ.
މިބައްދަލުވުމަކީ އދ އިސްނަގައިގެން ގައުމުތަކުގެ ދުރާލާ އިންޒާރުދޭ ނިޒާމުތައް ހަރުދަނާ ކުރުމަށް ވަރަށް ފަހުން އިފްތިތާހު ކުރެވުނު އަދި މިހާރު ހިންގޭ އިނިޝިއޭޓިވްއެއްގެ ދަށުން ބޭއްވޭ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި މިކަމަށް އަމާޒުކުރެވޭ މައިގަނޑު 4 ދާއިރާ ތަމްސީލު ކުރާ 4 އިދާރާ ކަމަށްވާ، މޯލްޑިވްސް މީޓިއަރަލޮޖިކަލް ސާވިސް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި މޯލްޑިވްސް ރެޑްކުރެސެންޓް ސޮސައިޓީ ގެ އިތުރުން ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި އދ ގެ ކަމާގުޅުންހުރި އިދާރާތަކުންވެސް ބައިވެރިވެއެވެ.