މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓަކީ އެމްއެންޔޫގެ ލެކްޗަރާ، އަލީ ހަފީޒުގެ ކުށުން ހިނގި އެކްސިޑެންޓެއްކަން ދައްކަން އެ މައްސަލާގައި ހައްޔަރުކުރި ޝަމްއާން އަބްދުއްޝަކޫރު (22އ) މަސައްކަތް ކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ޝަމްއާންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އެ މައްސަލާގައި ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ ޝަމްއާންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އޭނާ ބަންދު ކޮށްފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ޝަމްއާން ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އަދި އެ ހާދިސާ ހިނގިކަމާމެދު އަދި މިކަމުގެ ސަބަބުން މީހަކަށް އަނިޔާ ލިބިފައިވާ ކަމާމެދު އޭނާގެ ފަރާތުން އިންކާރު ނުކުރާކަމަށް ވަކީލުން ވަނީ ފާހަގަ ކޮށްފައެވެ.
ޝަމްއާންގެ ވަކީލުން ބުނެފައިވަނީ އެ ހާދިސާ ހިނގާފައި ވަނީ ހަފީޒު ކަފިހި ހުރަސްމަތިން ހުރަސް ކުރަނިކޮށް ނޫން ކަމަށާއި އެކްސިޑެންޓު ހިނގީ ޝަމްއާން ސައިކަލުގައި ދަނިކޮށް ހަފީޒު މަގު ހުރަސް ކުރަމުން، ސައިކަލު އަންނަތަން ފެނިގެން ހާސްވެގެން ސައިކަލާ ދިމާލަށް ދުއްވައިގަނެ، ސައިކަލުގައި ޖެހިގެން ކަމަށެވެ.
ވަކީލުން ވަނީ ތުހުމަތު ކުރެވިފައިވާ ގާނޫނީ މާއްދާތަކަށް ބަލާއިރު އެ ތުހުމަތުތަކާއި ހާދިސާ އާ ނުގުޅުވޭ ކަމަށާއި އަދި ކޮށްފައިވާ ތުހުމަތު ތަކަކީ ޖިނާއީ ބޮޑު ތުހުމަތުތަކެއް ނޫންކަމަށް ބުނެފައެވެ.
ޝަމްއާންގެ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް ކަމާއި ބާޑު ސްޕީޑްގައި ސައިކަލު ދުއްވިކަމަށް އޭނާ އެއްބަސްވާ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފާހަގަ ކޮށްފައެވެ. އަދި ފުލުހުން ހުށަހަޅާފައިވާ ލިޔުންތަކަށާއި ދެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށް ބަލާއިރު ތުހުމަތެއް ވުޖޫދުވާ މިންވަރުގެ ހެއްކާއި ގަރީނާ ހުރިކަމަށް ގަބޫލުކުރެވޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓުން އިތުރަށް ވަނީ ޝަމްއާން އަކީ ހައްޔަރުކޮށް ބަންދުގައި މީގެ ކުރިންވެސް ބަހައްޓާފައި ހުރި ކަމުގެ ރިކޯޑު އޮތް މީހެއްކަން ފާހަގަ ކޮށްފައެވެ. އަދި ޝަމްއާންގެ ފަރާތުން ކަފާލާތުގެ ދަށުން ދޫކޮށްލަދިނުމަށް އެދިފައިވީ ނަމަވެސް އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފުލުހުން އެދެނީ ބަންދުގައި ބެހެއްޓުމަށް ކަަމަށެވެ.
ފުލުހުން ބުނީ ޝަމްއާން ހައްޔަރުކުރުން ފަސްކުރީ އޭނާއަށްވެސް އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބިފައި ވުމާއެކު ފަރުވާދެމުން ދިއުމުގެ ސަބަބުން ކަމަށާއި އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކޮށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ހަފީޒުގެ ހާލަތު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތުމުން އެއާ އެމްބިއުލާންސްގައި ހަފީޒް ގެންދިއުމަށް އާއިލާއިން މަސައްކަތް ފަށާ، ހަފީޒުގެ ގާތް ފަރާތްތަކުގެ ދީލަތި އެހީ ލިބި އިއްޔެގެ ވަގުތެއްގައި އިތުރު ފަރުވާއަށް ހަފީޒު ވަނީ އިންޑިއާއަށް ފޮނުވާލާފައެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އެކްސިޑެންޓް ހިނގާފައި ވަނީ ހަފީޒް މަގު ހުރަސް ކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހިގެންނެވެ. ސައިކަލު ދުއްވާފައި އައި ބާރު ކަމުން ހަފީޒު ދިޔައީ ވިއްސައިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެއާއެކު އޭނާގެ ފަޔާ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ދިޔަ ކަމަށް ވެސް މައުލޫމަތު ލިބެއެވެ.
އެކްސިޑެންޓުގައި އަނިޔާވި އުމުރުން 50 އަހަރުގެ އަލީ ހަފީޒަކީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ލެކްޗަރާއެކެވެ.
މާލެ ސަރަހައްދުގައި މިހާރަކަށް އައިސް މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގާކަން ފާހަގަ ކުރެވެއެވެ. އަދި މިހެން ހިނގާ އެކްސިޑެންޓް ތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ލިބޭ އިރު، ބައެއް މީހުން އެކްސިޑެންޓްގައި ލިބޭ އަނިޔާތަކުގެ ސަބަބުން މަރުވެފައި ވެސް އެބަ ހުއްޓެވެ.
އެކްސިޑެންޓްތައް މަދު ކުރުމަށް މަގުމަތީގައި އުޅަނދު ދުއްވުމުގެ ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އޯވާ ޓޭކް ނުކުރުމާއި، ސްޕީޑް ހުންނަން ޖެހޭ ލިމިޓަށް ވުރެ މައްޗަށް ނުގެން ދިއުމާއި، ލައިސަންސް ނެތި އުޅަނދު ނުދުއްވުމަކީ ސަމާލުކަން ދޭން ޖެހެއެވެ.
ބުނީ ހައްޔަރު ނުކޮށް ބެހެއްޓީ އޭނާ ފަރުވާކުރާތީއޭ. ބަންދުގަ ބަހައްޓައިގެން ފަރުވާ ނުކުރެވޭތަ. ޖަލުގައި ތިބޭމީހުންވެސް ބަލިވީމަ ދޫކޮށްލަންވީނު، ފަރުވާކުރަންދެން. ހަފީޒު އަލަށްވިއްޔަ ކަފިހުރަހެއް ދުށީ ބިރުން ސައިކަލާ ދިމާލައް ދުވަން. ތިމީހާ އަތުގަ ލައިސަންސް ނެތީވެސް ހަފީޒުކުއްދޯ. މިހާރުވެސް އެފަކީރު އޮތް ހާލު އެއޮތީ، އެކަމު ކުއްކުރިމީހާ ބަހަނާ ދައްކަނީ ރެކެން. ޢެހެން ޤައުމެއްނަމަ