ނުވަ ފަހަރަށް ގްރެމީ އެވޯޑްސް އުފުލާލި މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ 35، ސްޕޮޓިފައިގެ ސްޓްރީމިން ރެކޯޑެއް މުގުރާލައިފިއެވެ.

ސްޕޮޓިފައިގައި ރިހާނާ މުގުރާލި ރެކޯޑަކީ އޭނާގެ 10 ލަވައެއް، 1 ބިލިއަނަށް ވުރެ ގިނަ ފަހަރަށް ސްޓްރީމްކުރުމެވެ. އެއާއެކު ލަވަކިޔުންތެރިޔާ ރިހާނާ ވަނީ ސްޕޮޓިފައިގައި އެފަދަ ކާމިޔާބީއެއް ލިބުނު ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާގެ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ލަވަކިޔުންތެރިޔާ ވަނީ ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ބާބެޑޮސް އަށް އުފަން ލަވަކިޔުންތެރިޔާ އަކީ އެމެރިކާގައި އަމިއްލަ މަސައްކަތުން ބިލިއަނަރަކަށްވި އުމުރުން އެންމެ ހަގު އަންހެން މީހާވެސްމެއެވެ. އަހަރުވީ ފިރިހެން ކުއްޖެއްވެސް ރިހާނާގެ ހުންނައިރު އޭނާ އެންމެފަހުން ނެރުނު އަލްބަމަކީ 2016 ވަނަ އަހަރު ނެރުނު "އެންޓި" އެވެ. އެ އަލްބަމަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނުއިރު ރިހާނާ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ނުވަ ވަނަ އަލްބަމް އެކުލަވާލުމުގައެވެ. އޭނާގެ ނުވަ ވަނަ އަލްބަމް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރި ނަމަވެސް ލަވަކިޔުންތެރިޔާ ބުނީ އަވަސް މުސްތަގްބަލެއްގައި އޭނާގެ އާ ލަވަތަކެއް ފޭނުންނަށް ގެނެސްދޭނެ ކަމަށެވެ. ރިހާނާގެ މިއުޒިކީ ކެރިއަރުގައި އޭނާ ވަނީ ޖުމްލަ 8 ސްޓޫޑިއޯ އަލްބަމް ނެރި، ދެ ރިމިކްސް އަލްބަމް ނެރެފައެވެ.

"ފެންޓީ" ގެ ނަމުގައި އަމިއްލަ ފެޝަނާއި ކޮސްމެޓިކް ބްރޭންޑެއް ވެސް ހިންގަމުން އަންނަ ރިހާނާ، "ބްލެކް ޕެންތާ: ފޯއެވާ ވެކަންޑާ" އަށް ކިޔައިދިން ލަވަ "ލިފްޓް މީ އަޕް" އަކީ މި އަހަރުގެ އޮސްކާ އާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އޮރިޖިނަލް ލަވަ އަށް ވާދަކުރި ލަވައެކެވެ.