ހުޅުމާލެ ބްރިޖް ހައިވޭގެ މޫދާވީ ފަޅީގައި ސޯލާ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް 4 ޕެނަލެއް ވަޔާއެކު ވިއްސައިގެން މޫދަށް ދިޔަ މައްސަލައިގައި އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން އެންވާރަމަންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ މިއަދުގެ ވަގުތެއްގައި ޕެނަލްތައް މޫދަށް ވިއްސައިން ދިޔަ އިރު އެއިން އެއްވެސް ޕެނަަކީ ހައިވޭގައި ގާއިމްކޮށްފައި ހުރި އެއްވެސް ސްޓްރަކްޗާއެއްގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި މިހާރު އެ ޕެނަލްތައް ވަނީ މޫދުން ނަގާފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ބެލިބެލުމުން ހައިވޭގައި ހަދާފައި ހުރި ސްޓްރަކްޗާއަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށާއި އަދި ޑިޒައިން ފޯލްޓެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތް ކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަވެފައި ނުވާ ކަމަށް ވެސް ބުނެއެވެ.
މިކަމާ ގުޅިގެން ކޮންޓެރެކްޓަރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭގޮތުން އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އަދި އިތުރަށް މަސައްކަތް ކުރިއަށް ދާނީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ އެއްމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާފައި ވޭތޯ ޔަގީން ކުރުމަށްފަހުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ގުޅިގެން ހަރުކުރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލާ މައްސަލައެއް ނެތްކަން ޔަގީންކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި މަސައްކަތް ކުރުމުގައި ސުޕަވައިޒްކުރުން އިތުރުކޮށް ރިޕީޓްކޮށް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށް ވެސް އެންވަރަމަންޓް މިނިސްޓްރީން ބުނެއެވެ.
ހަކަތަ ބޭނުން ކުރުމަށް ދައުލަތުން ކުރާ ހަރަދު ކުޑަ ކުރުމަށްޓަކައި ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ރުފިޔާ ތެލަށް ކުރާ ހޭދަ ކުޑަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ބުނެއެވެ.
އޭރު މަސައްކަތް ފެށި އިރު މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުމުގެ ކުރިން އެ ސޯލާ ޕެނަލްތައް ބޭނުން ކުރަން ފަށާނެ ކަމަށް ވަނީ ބުނެފައެވެ. ދާދި ފަހުން ސަރުކާރުން ވަނީ އެ ސޯލާ ޕެނަލްތައް ބޭނުން ކުރާނީ އަންނަ އޮގަސްތް މަހުގައި ކަމަށް ބުނެފައެވެ.
މި ޕެނަލްތައް ހައިވޭގެ އެއްގަމު ފަރާތުގައި ޖެހިނަމަ ވެސް އަވިއަރާވަރު ކުޑައެއް ނުވީސް. މިހާރު ހުރިގޮތުން ދުއްވާ މީހުނަށް ހާމަކޮށް މޫދު ނުފެންނާތީ މި މަގުގެ ހިތްފަސޭހަކަން ގެއްލިއްޖެ. އެންވަޔަރުމެންޓު ބަލަހައްޓާ މިހުންނަށް މިވަރު ރޭކާ ނުލީމާ ދެރަވަރު.