ޓެރެފިކަށް މަޑުނުކޮށް ދިޔަ ކަމަށް ބުނެ އުމުރުން 17 އަހަރުގެ ޒުވާނަކު ފްރާންސްގެ ފުލުހުން މަރާލި ހާދިސާގައި ބަޑިޖެހި ފުލުސް އޮފިސަރަށް އެހީވާން ހުޅުވި ފަންޑަށް 1 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

ކަނާތުފިޔައިގެ ހަރުކަށި ޕޮލިޓީޝަން މަރީން ލެ ޕެން ގެ އެޑްވައިޒަރު ޖީން މެސީހާ 'ގޯ ފަންޑް މީ' ގެ ނަމުގައި ސޯޝަލްމީޑިއާގައި ފެށި ކެމްޕެއިނަށް ކެމްޕެއިން ފެށިތަނާ ހަމައާ 963،000 ޔޫރޯ (1.05 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ލިބިފައެވެ.

އެ ފުލުސް އޮފިސަރު 17 އަހަރުގެ ނާހެލް އެމް މަރާލި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައި ވާ އިރު ނާހެލް ގަޔަށް އޭނާ ބަޑިޖަހަނީ ކާރުގައި އިންދައެވެ.

އެ ހަމަލާ އާ ގުޅިގެން ފްރާންގެ ގިނަ ސިޓީތަކެއްގައި ފުލުހުންނާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަސް ދާއިރު، ފުލުހުންގެ ވެހިކަލްތަކާއި އިމާރާތްތަކާއި އާންމު އެތައް މުދަލަކަށް ވަނީ ގެއްލުން ވެފައެވެ. އާންމުން ފުލުހުންނާ ކުރިމަތިލައި، ހިންގި ހަމަނުޖެހުމުގައި ގިނަ ބަޔަކަށް އަނިޔާވެފައި ވާ އިރު 1300 މީހަކު ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ޖޫން 27 އިން ފެށިގެން މިއަދާ ހަމައަށް މި ފާއިތުވީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފްރާންސް ހިމެނޭހެން އެތައް ސިޓީއެއްގައި ވަނީ މަގުތައް ބަންދުކޮށް އާންމުން ނުކުމެ އުޅުން މަނާ ކޮށްފައެވެ. މަގުތަކުގައި ހުރި ވެހިކަލްތަކުގައި ހުޅުޖަހާ، ޓަޔަރު އަންދާ އަދި އާންމު ހިދުމަތްތައް ދޭ ބައެއް އިމާރާތަކުގައި ރޯކޮށް އަންދާލާފައި ވާ އިރު، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް 45،000 ފުލުހުން ވަނީ މަގުތަކަށް ނެރެފައެވެ.

ރަބަރު ވަޒަނާއި ކަރުނަ ގޭހާއި ބަރުހަތިޔާއެކު ފުލުހުން ހަރަކާތްތެރިވަމުން ދާ އިރު، އާންމުން ފުލުހުންނާ ކުރިމަތިލަނީ، ފަޓާހާއި ގަލާއި އެނޫންވެސް އާލާތްތައް ބޭނުން ކޮށްގެންނެވެ. ފުލުހުންނަށް އަމާޒުކޮށް ފަޓާސް ޖަހަމުން ދާއިރު، ފުލުހުންނަށްވެސް ގެއްލުންތައް ލިބެމުން ދާ ކަމަށް ހަބަރުތައް ބުނެއެވެ.

ޒުވާނާ މަރާލި ޕޮލިސް އޮފިސަރަށް އެހީވާން ފަންޑްރެއިޒް އިވެންޓެ ފެށުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުން ދާއިރު އެގައުމުގެ ސިޔާސީ ބައެއް ފަރާތްތަކާއި އާންމުން ބުނެފައި ވަނީ އެއީ ލަދުވެތި ކަމެއް ކަމަށާއި އެއީ މިހާރުވެސް ރުޅި އައިސްފައި ތިބި އާންމުން އިތުރަށް ރުޅިއެރުވުން ކަމަށެވެ. އެއާއެކު އެ ކެމްޕެއިން ވަގުތުން ހުއްޓާލުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ސަރުކާރާ ދެކޮޅު ހަރަކާތެއްގައި ބޮކްސަރަކު ފުލުހުންގެ ގައިގައި ތަޅައިގަތް މައްސަލައެއްގައި 2019 ވަނަ އަހަރުވެސް މިފަދަ ފަންޑެއް ހެދިއެވެ. ނަމަވެސް ފާޑުކިޔުންތަކާއެކު އެ ފަންޑު ލަސް ނުކޮށް ހުއްޓާލި އިރު، މި ފެށި ފަންޑަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އަދި ހުއްޓާލާފައެއް ނުވެއެވެ.