ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމުގައި ކައުންސިލްތަކަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ވިއަވަތި" ގެ އުތުރުގެ ކޮންފަރެންސް ނުބޭއްވޭތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިއަވަތި ކޮންފަރެންސްގެ 3 ކޮންފަރެސްއެއް މިހާރު ކުރިއަށް ގެންގޮސްފައި ވާއިރު އުތުރުގެ އަތޮޅުތަކަށް ހާއްސަކޮށްގެން އެ ކޮންފަރެންސް މިދިޔަ މޭ މަހުގެ 12 އިން 14 އަށް އޮތީ ތާވަލް ކޮށްފައެވެ. އެހެންނަމަވެސް އެ ކޮންފަރެސް މިހާތަނަށް ބާއްވާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރ. މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ އެ ކޮންފަރެންސް ނުބޭއްވިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަތޮޅު ކައުންސިލުން ބަޔާނެއް ނެރެންވެސް ތައްޔާރު ކުރި ނަމަވެސް އޭރު ސަރުކާރުން އެ ކޮންފަރެންސް ބާއްވާނެ ކަމަށް ބުނެ އިތުރު ތާރީހެއް ދިނުމުން މަޑުޖައްސާލީ ކަމަށެވެ. އަދި އެލްޖީއޭއާ ވާހަކަދައްކައިގެން އަތޮޅު ކައުންސިލުން އެކަން ސާފުކޮށް، ތާރީހެއް ނުލިބޭ ކަމަށްވާނަމަ ބަޔާނެއް ނެރެން ގަސްތުކޮށްފައިވާ ކަމަށް ސޯދިގު ވިދާޅުވިއެވެ.

ހދ. ނޮޅިވަރަމް ކައުންސިލްގެ މެންބަރު އަދި މީޑިއާ ކޯޑިނޭޓަރު މުހައްމަދު މުސްތަފާ ހުސައިން ވިދާޅުވީ އަތޮޅު ކައުންސިލްގެ ބައްދަލުވުންތަކުގައި އެކަމާ ގުޅިގެން މަޝްވަރާތަކެއް މިހާތަނަށް ކުރެވިފައި ނުވި ނަމަވެސް ލިބެން އޮންނަ ކަމެއް ހދ. އަތޮޅަށް ނުވެ ދިއުން ނުވަތަ ސަރުކާރުން ނުކުރުން ހުރިހާ ކައުންސިލް މެންބަރުންގެ ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މުސްތަފާ ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސަރުކާރުން ނޮޅިވަރަމަށް އިހުމާލު ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އުތުރު ވިއަވަތި ކޮންފަރެސް ލަސްވުމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތުދިން އެހެން އަތޮޅުތަކުގެ ކައުންސިލްތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ކޮންފަރެންސް ބޭއްވުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނުގެ މިއުވާން މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ އުތުރުގެ އެޑިޝަން ބާއްވާނެ ތާރީހެއް ފައިނަލް ކޮށްފާ މީޑިއާ އާ ހިއްސާކުރާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި ބަދަލުތައް ތަސްދީގުކުރުމަށް ވިއަވަތި ކޮންފަރެންސް އެންމެ ފުރަތަމަ ބާއްވާފައިވަނީ ޑިސެމްބަރު 2019 ގައި ކްރޮސްރޯޑްސްގައެވެ. ވިއަވަތި ކޮންފަރެންސްގެ ދެވަނަ ބައްދަލުވުން މެދުރާއްޖެތެރޭގެ ރަށްތަކާއި ސިޓީތަކުގެ ކައުންސިލްތަކަށާއި އަންހެނުންގެ ކޮމިޓީތަކަށް އަމާޒުކޮށް ބޭއްވީ މިދިޔަ އަހަރުގެ މޭ މަހު، އއ. އުކުޅަހުގައެވެ. އެއަށްފަހު ދ، ތ، ލ، ގއ، ގދ. ގެ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ފުވައްމުލަކާއި އައްޑޫގެ މޭޔަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން މިނިސްޓަރުންނާއި އިދާރާތަކުގެ އިސްވެރިން ހިމެނޭހެން 250 އަށް ވުރެ ގިނަ ބައިވެރިންނާއެކު ދެކުނުގެ ކޮންފަރެންސް ލ.ގަމުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ބާއްވާފައެވެ.