ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި ކަމަށްވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ އިތުރު ޑިރެކްޓަރަކު އައްޔަނު ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ސަރުކާރުގެ 70 ޕަސެންޓު ހިއްސާ އޮންނަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނީގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރެއްގެ ގޮތުގައި ޝާތިފް އަލީ، ނޫކޮކާގެ / ސ. ފޭދޫ އައްޔަނުކުރީ މިދިޔަ މަހުގެ 22 ގައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑަށް ޝާތިފް އައްޔަނުކުރި ކަމުގެ ލިޔުން އެރުވުމުގެ އިތުރުން، ޕީސީބީން ވަނީ، އެ ބޯޑުން ކުރިއަށް ގެންދިޔަ އޭއައިއޭގެ މާލީ ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް، އެ ކަންކަން އިސްލާހުކުރުމަށް އެދިފައެވެ. އަދި އެ ކުންފުނި ހިންގުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ޕީސީބީން ބުންޏެވެ.

އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީން މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފައިވާ ޝާތިފް ވަނީ އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރެވުމުގެ ކުރިން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގެ ޑީން ކަމާއި، ވެމްކޯގެ މާކެޓިން ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުކަން ކުރައްވައިފައެވެ. މިހާރު އޭނާ ހުންނެވީ ވެމްކޯގެ ސަދާން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.

ސަރުކާރުގެ ބޮޑު ހިއްސާ އެއް އޮންނަ އޭއައިއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ ސަރުކާރުގެ ފަސް ޑިރެކްޓަރުންނާއި، އެ ކުންފުނީގެ 30 ޕަސެންޓު ހިއްސާ އޮންނަ ކާސާ ހޯލްޑިންސް ގެ ދެ ޑިރެކްޓަރުންނެވެ.