ފަސް ކުންފުންޏެއްގެ ބޯޑު މެންބަރުންގެ މަގާމުތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ބަދަލު ގެނެސްފިއެވެ.

ޕީސީބީން ބުނި ގޮތުގައި ބަދަލު ގެނެސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކަޓަރުންގެ ބޯޑުގެ މެންބަރުންގެ މަގާމުތަކަށެވެ.

އެގޮތުން ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން ކަމުން އާއިޝަތު އަލީ ވަކިކޮށްފައިވާއިރު އެމްޕީއެލް ބޯޑުގެ މެންބަރު ކަމުން އައިމިނަތު ރައިޝަމް ވެސް ވަނީ ވަކިކޮށްފައެވެ.

މީގެ އިތުރުން ގެނައި ބަދަލު ތަކަކީ:

  • އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ: ޝެރީނާ ސާލިހް
  • އެމްއޭސީއެލްގެ ބޯޑު މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ: އަހުމަދު ނާސިފް
  • އެމްޓިސީސީގެ ބޯޑު މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ: ސައާދާ އިބްރާހިމް

5 ކުންފުންޏެއްގެ ބޯޑު މެންބަރުކަމަށް ޕީސީބީން ބަދަލު ގެނެސްފައިވާއިރު އެ ކޯޕަރޭޝަންގެ މެންބަރު ކަމަށް ވެސް މިއަދު ވަނީ ބޭފުޅަކު އައްޔަން ކޮށްފައެވެ. އެގޮތުން ބޭންކިންގް ދާއިރާގެ ބޯޑުގެ މެންބަރުކަމަށް އައްޔަން ކޮށްފައި ވަނީ ޒައިނާ އަބްދުﷲ އެވެ.

ޒައިނާއަކީ ބޭންކިން، ކޯޕަރޭޓް ފައިނޭންސް އަދި އިސްލާމިކް ބޭންކިންގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފާހަގަކޮށްލެވޭ ތަޖުރިބާ ހާސިލުކުރައްވާފައިވާ، ހިންގުންތެރި ފަންނީ ބޭފުޅެކެވެ. ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމާ، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއަކީ ވެސް އޭނާގެ ހާއްސަ ހުނަރުތައް އެކުލެވޭ މުހިންމު ދާއިރާތަކެވެ.