އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަޒާން ޒުހައިރު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ، އޭނާގެ ބައްޕަ އަދާކުރައްވަމުން ގެންދެވި މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީއެސްބީ) ގެ ޑިރެކްޓަރުކަމުގެ މަގާމު ކުއްލި ގޮތަކަށް އުވާލާ ސަރުކާރުން އޭނާގެ ބައްޕަ އެ މަގާމުން ވަކިކުރުމާ ގުޅިގެންކަމަށެވެ.
އަޒާން ވިދާޅުވީ އޭނާގެ ބައްޕައަކީ އަބަދުވެސް އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރައްވާ ބޭފުޅެއްކަމަށާއި، ނަމަވެސް އޭވިއޭޝަން ދާއިރާގައި ބައްޕަގެ ހުރި ތަޖުރިބާއަށް ބިނާކޮށް، އިންޓަވިއު މަރުހަލާއަކަށްފަހު އެމްޓީއެސްބީގެ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކުރީ ވެރިކަންކުރާ ޕީއެންސީއަށް ތާއީދުކުރަންޖެހޭނެ ކަމުގެ އެއްވެސް ޝަރުތަކާ ނުލާ ކަމަށެވެ. "އެހެން ނޫންނަމަ ބައްޕަ އެ މަގާމާ ހަވާލެއް ނުވީސް،" އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައްޕަ ބައިވެރިވެވަޑައިގެންފައި ނުވާކަމަށާއި، ހަމައެކަނި ބައިވެރިވެވަޑައިގަތީ އާއިލީ ގުޅުމެއް އޮންނަ އަބްދުﷲ ސޯދިގް (ސޯބެ)ގެ ކެމްޕެއިން ހަރަކާތެއްގައި ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ. އަދި މިކަން 15 ދުވަސް ކުރިން މިނިސްޓްރީއަށް އަންގާފައިވާނެކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ތެރެއިން ބަޔަކު ނުފޫޒު ފޯރުވައިގެން އޭނާގެ ބައްޕަ މަގާމުން ވަކިކުރުމަށް މަސައްކަތްކުރި ކަމަށް އަޒާން ތުހުމަތުކުރެއްވިއެވެ.
އެމްޓީއެސްބީގެ ޑިރެކްޓަރުގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވެފައި އެއީ ކޮންޓްރެކްޓް އުސޫލުން އަދާކުރައްވަމުން ގެންދެވި ވަޒީފާއަކަށް ވުމުން އޭނާ ވަކިކުރުމަށް ޓަކައި ވަނީ އެ މަގާމު މުޅިން އުވާލާފައިކަމަށް ވެސް އަޒާން ވަނީ ވިދާޅުވެފައެވެ.
އަޒާން ވަނީ މިފަދަ ގޮތަކަށް އަމަލުކުރާ ސަރުކާރެއް ތަމްސީލުކުރުމުގައި ދެމިހުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، އެހެންކަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވީކަމަށް ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރިޔާސީ ގަރާރަކުން އުފެއްދި އެމްޓީއެސްބީއަކީ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.
