އިޒްރޭލުން 2000 ގެ އަހަރުތަކުގައި ހިންގި ދެވަނަ އިންތިފާޟޯ އަށް ފަހު ހިންގާ އެންމެ ބޮޑު އުދުވާންގައި ޖެނީން އަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަރާ މިހާތަނަށް 10 މީހަކު ޝަހީދު ކޮށްލައި އެތައް ބަޔަކު ޒަހަމް ކޮށްލައިފިއެވެ.

ވައިގެ މަގުން ހަނގުރާމަ މަތީ ބޯޓުތަކާއި ހެލިކޮޕްޓަރުތަކުން މިސައިލާއި ބޮން އަޅަމުން ދާއިރު ޑްރޯން ހަމަލާވެސް ދެމުން އެބަދެއެވެ. އެއްގަމު މަގުން ބުލްޑޯޒަރުތަކާއި ބަރުހަތިޔާރާއެކު ވަނީ ވަދެގެންފައެވެ. އިޒްރޭލުގެ އިދާރާތަކުން ބުނާ ގޮތުގައި، އެމީހުން ހަމަލާތައް ދެނީ ބަލައިގެން ވަކިވަކި ޓާގެޓްތަކަށް ކަމަށާއި ޖެނީން އިން ބޭރަށް ހަމަލާތައް ފުޅާ ކުރުމުގެ ވިސްނުމެއް އަދި ނެތެވެ.

މި ހަމަލާތަކުގައި ޖެނީން އިން މިހާތަނަށް 10 މީހަކު ޝަހީދުވެފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދުތައް އަދި މުޅިން ސާފެއް ނުވެއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުން ބުނާގޮތުން، ޒަހަމްވެފައި ތިބި މީހުން ފަރުވާއަށް ގެންދިޔުމަށް އެމީހުންނާ ހަމައަށް ވާސިލުވިޔަ ނުދީ ޔަހޫދީ ސިފައިން ދަނީ ހުރަސް އަޅަމުންނެވެ. އެކަން ކުށްވެރިކޮށް ޑޮކްޓާސް ވިތް އައުޓު ބޯޑާސް އިން ބަޔާނެއް ނެރެފައި ވާ އިރު، އެ ޖަމާއަތުން ބުނީ، ޖެނީން އަށް ވަދެވެން އޮންނަ ހުރިހާ މަގެއް ޔަހޫދީ ސިފައިން ބަންދު ކޮށްފައި ވާ ކަމަށާއި ގިނަ މަގުތައް ވަނީ ބުލްޑޯޒަރުތަކުން ހަލާކުވެސް ކޮށްލާފައި ކަމަށެވެ. ޒަހަމްވެފައި ތިބި މީހުންނާ ހަމައަށް ވެހިކަލްގައި ދިޔުމަށް ހުރަސް އަޅާ، ފައިމަގުގައި ދިޔުމަށް އަންގާ ކަމަށާއި ހަނގުރާމައިގެ މައިދާނެއް ނަމަވެސް ޒަހަމްވެފައި ތިބި މީހުންނަށް ސިއްހީ އެހީތެރިކަން ލިބުމުން މަހުރޫމް ކުރުން އެ ޖަމާއަތުން ވަނީ ކުށްވެރި ކޮށްފައެވެ.

ބައެއް ހަބަރުތައް ބުނާގޮތުން އެތައް ސަތޭކަ ބަޔަކު ޒަހަންވެފައި ވާ އިރު އޭގެ ތެރޭގައި ނާޒުކު ހަލަތެއްގައި ތިބި 20 މީހަކުވެސް ހިމެނެއެވެ.

އިޒްރޭލުގެ މި އުދުވާނާ ހެދި މިހާތަނަށް 3000 މީހަކު ޖެނީން ދޫކޮށް ގޮސްފައި ވާ އިރު، ޖެނީން އިން ނުނިކުމެވި ގިނަ ބަޔަކު ތާށިވެފައި ވެސް އެބަތިއްބެވެ.

މި މައްސަލައިގައި ބައިނަލްއަގުވާމީ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، އިޒްރޭލުގެ އުދުވާން ހުއްޓުވައި ދިނުމަށް ފަލަސްތީނުގެ ސަރުކާރުން ގޮވާލާފައި ވާ އިރު އެ ގައުމުން ވަނީ އދ ގެ އެހީއަށް ވެސް އެދިފައެވެ. ނަމަވެސް މި މައްސަލައިގައި އދ އިން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޕަލަސްތީނުގެ ބަޔާނުގައި އިތުރަށް ބުނީ، އިޒްރޭލުން ފަލަސްތީނަށް އަރާ ބާރެއް ނެތް އާންމު ރައްޔިތުން މަރަމުން ދާ އިރު އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު ކަމެއް ކަމަށާއި އެކަން ހުއްޓުވުމަށް ދުނިޔެ މަސައްކަތް ކޮށްދޭން ޖެހޭ ކަމަށެވެ.

އިޒްރޭލުން ޖެނީންގައި ހިންގާ އުދުވާނަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ތާއީދުކޮށް ވާހަކަ ދައްކާފައެވެ. އެމީހުން ބުނެފައި ވަނީ، އިޒްރޭލާ ދެކޮޅަށް ހަމަލާ ދޭ ހަތިޔާރު އެޅި ފަލަސްތީނުގެ ޖަމާއަތްތަކާއި ވަކިވަކި މީހުންގެ ކިބައިން އިޒްރޭލު ސަލާމަތް ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން ޖެނީން އަށް އެރުން ބަލައިގަންނަ ކަމަށެވެ.

އިޒްރޭލުން 2000 ގެ އަހަރުތަކުގައި ހިންގި އިންތިފާޟޯގައި ވެސް ޖެނީންގެ 400 ގެއެއް ހަލާކު ކޮށްލައި 4 ބައިކުޅަ އެއްބައި އާބާދީ ޖެނީން އިން ބޭރުކޮށްލިއެވެ. މޭލެއްވެސް ހަމަނުވާ ޖެނީންގައި ކޮންމެ ސްކެއާ ކިލޯމީޓަރަށް 33،333 މީހުން ޖެހޭ ވަރުގެ އާބާދީއެއް އެތާނގައި ދިރިއުޅެއެވެ. ޖެނީންގެ ބޮޑުމިނަކީ 0.42 ސްކެއާ ކިލޯމީޓަރެވެ.

ހުޅަނގު އައްސޭރީގައި ޖުމްލަ 19 ރެފިއުޖީ ކޭމްޕެއް ހުންނަ އިރު އެންމެ ގިނައިން ޔަހޫދީންގެ ހަމަލާތައް އަމާޒުވާ ކޭމްޕަކީ ޖެނީންއެވެ. އެ ކޭމްޕަށް ގިނަ ހަމަލާތައް އަމާޒު ކުރަނީ، އިޒްރޭލަށް ހަމަލާ ދޭ މުޖާހިދުން ފިލާ ތިބެނީ އެ ކޭމްޕުގައި ކަމަށް ބަލައި އެމީހުން ނައްތާލުމުގެ ނަމުގައެވެ.

ޖެނީންގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ އުދުވާނުގައި އިސްރޭލުގެ 1000 ސިފައިން ބައިވެރިވަމުން އެބަދެއެވެ.