ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ބަިއވެރިވި ކެންޑިޑޭޓުން 6000 ރުފިޔައިން ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ 15 ގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި ތިން ކެންޑިޑޭޓުންގެ ފަރާތުން ހުށަހަޅާފައިވާ، މާލީ ބަޔާންތަކަކީ، ގާނޫނު ނަންބަރު 11/2008 އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ގެ 73 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ހުށަހަޅާފައިވާ މާލީ ބަޔާނަކަށް ނުވާ ކަމަށެވެ.

އެހެންކަމުން އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ގައި ވާދަކުރެއްވި 3 ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުން ކުރެ، ކޮންމެ ފަރާތެއް 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އީސީ އިން ނިންމާފައިވާ ކަމަށެވެ.

އެ ފައިސާ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ވަނީ ކެންޑިޑޭޓުންނަށް އަންގާފައި ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ. އަދި މާލީ ބަޔާނުގައި ގާނޫނު ލާޒިމްކުރާ މިންވަރަށް ފުރިހަމަ ވާންޖެހޭ ކަންކަން ފުރިިހަމަ ނުވާނަމަ، ކުރިޔަށް ހުރި އިންތިހާބުތަކުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާ މެދު ވެސް މިފަދައިން އަމަލު ކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ އިންތިހާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތި ލެއްވި ކުރިން އެ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އާދަމް، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އާއި އެމްއެންޕީން ކުރިމަތިލެއްވި ކެންޑިޑޭޓް އަލީ އަރީފް އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓެވެ.