ޖަހާ ސުރުހީއާއި ލިޔާ ލިޔުމަކާ ދިމައެއް ނުވެއޭ އިދިކޮޅު ފަރާތްތަކުން ބުނެ ރުޅި އަންނަނީ ނޫސްވެރިން ދެކެއެވެ. ސަރުކާރުން ބުނާ ގޮތަކަށް ބުނާހާ ސުރުހީއެއް ޖަހާ ކަމަށާއި، އެނޫން ކަމެއް ނޫސްވެރިން ނުކުރާ ކަމަށް ބުނެ ރުޅި ގަދަވަނީ ވެސް އެބޭފުޅުންނެވެ.

ނޫސްވެރިން ލިޔާނީ، ޖަހާނީ، އަދި ހަދާނީވެސް ނޫސްވެރިކަމުގެ މިނިވަން ކަމާއި ހަމަތަކާއި އުސޫލުތަކުގެ ތެރޭގައި ނުސްވެރިންނަށް އެއީ ހަބަރެއް ކަމަށް ގަބޫލުކުރެވޭ އަދި ކިޔުންތެރިންނަށް އެއީ އެނގުން މުހިންމު ވާނެ ކަމަށް ދެކޭ ވާހަކަތަކެވެ. ރުޅި އަޔަސް ނަޔަސް އެކަން ހިނގާނީ އެމަގަށެވެ.

ސަރުކާރާ އިދިކޮޅުގައި ތިބޭ އިރު އެ ތިބޭ ބަޔަކު ވާހަކަ ދައްކާ ބަހުރުވައާއި ސާބިތު ނުހިފުނަސް އެ ދައްކާހާ ވާހަކައެއް ދެއްކި ގޮތަށް ނޫސްވެރިން ލިޔާނެކަމަށް ހީކުރުމަށް ވުރެ ބޮޑު މޮޔަކަމެއް ނޯންނާނެކަން އެވެރިންނަށް އެނގި ތިބެ ނޫސްވެރިންނަށް 'ރުޅިގަނޑު ބޭލުމުން' ހުޅުނބު ދިޔުން ނޫން ކަމެއް ނުވަތަ ހަކަތަ ހުސްވުން ނޫން ކަމެއް ވެސް ނުވާނެއެވެ.

އެކަން ސާބިތުވާ އެއް ކަމަކީ، އިދިކޮޅު ޑިމޮކްރެސްޓްގެ 'ރޫހާނީ ލީޑަރު' ރައީސް މުހައްމަދު ނަޝީދުގެ މަޖައްލާ 'އޯޝަން ވީކްލީގައި" އެ އޮތް ވާހަކައެވެ.

ޕީޕީއެމް އިން ތިމަންނާމެންގެ ކެންޑިޑޭޓަކު ހުރި ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށް އަޑުހަރުކޮށް ބުނެބުނެ ތިއްބާވެސް، އެއީ ޔާމީނެއް ނޫން ކަމަށް ލިޔެ ބޮޑު ސުރުހީއެއް ހަދައިފިއެވެ. ހަމައެއާއެކު ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދުގެ ރޫހާނީ ލީޑަރު ކަމުގައި އުފަންވާ ޕާޓީއެއް ކަން ދުވާލުގެ މެންދުރު ފަދައިން އެނގޭއިރު ވެސް އެއީ ރައީސް ނަޝީދެއްވެސް ނޫން ކަމަށް ބުނެފިއެވެ.

އެއީވެސް ނޫސްވެރިކަމެވެ. ރިޔާސީ ކެންޑިޑެޑޭޓަކާ މެދު ސުވާލު އުފެދިފައި އޮތް ހާލަތެއްގައި ސުވާލު އުފައްދާ ލިޔުމުގެ ރީތި މިސާލެކެވެ.

ޕީޕީއެމް އިން ތިމަންނާމެންގެ ކެންޑިޑޭޓަކީ ރައީސް ޔަމީނޭ ބުނި ނަމަވެސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އަންނަ ރިޔާސީ އިންތިހާބުގައި މިވަގުތާ ހަމައަށް ވާދަ ކުރެއްވުމުގެ ފުރުސަތު ޔާމީނަކަށް ނެތެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓުން މުތުލަގަށް ހުކުމެއް ނުނެރޭހާ ހިނދަކު އެކަން އޮތީ އެގޮތަށެވެ. ޑިމޮކްރެޓްސްގެ ހާލަތު އަދި ތަފާތެވެ. ޕާޓީ އުފަންވުމުގެ މަގުމަތީގައި އޮތް އިރު ފުރަތަމަ ޖަލްސާ ބާއްވައި ޕާޓީ ރަޖިސްޓްރީ ކޮށް ކެންޑިޑޭޓަކު ކަނޑައެޅުން އަދި އޮތީއެވެ. ނަމަވެސް މިވަގުތާ ހަމައަށް އެއީ ރައީސް ނަޝީދު ކަމުގައި ނިންމާފައި ނުވާތީ، އަދި ޑިމޮކްރެޓްސް ގެ ވެސް ކެންޑިޑޭޓަކު ނެތެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ކެންޑިޑަސީ އިއުލާންކޮށް ފޯމް ހުށަހެޅުމަށް ދީފައި ވާ މުއްދަތު ފެށެން 20 ދުވަހަށް ވެފައި ވާ އިރު، ޕީޕީއެމް އާއި ޑިމޮކްރެޓްސް ފިޔަވައި ޖުމްހޫރީ ޕާޓީން ވަނީ ކެންޑިޑޭޓް ޔަގީން ކޮށްފައެވެ. އެއީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. ދެން އޮތް ޕާޓީ، އެމްއެންޕީންވެސް ވަނީ ކެންޑިޑޭޓް ޔަގީން ކޮށްފައެވެ. އެއީ އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމެވެ. ދެން ހުންނެވީ އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ. މި ދެބޭފުޅުންގެ ތެރެއިން އިންތިހާބުގައި ވާދަކުރައްވާކަން އިއުލާން ކުރެއްވުން ފިޔަވައި މުނައްވަރުގެ އަޑެއް ބަޑެއް މިހާރަކު ނީވެއެވެ.

ހިނގަމުން ދާ އެމްޑީޕީ ސަރުކާރުގެ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވާއިރު އެމަނިކުފާނުވެސް ވަނީ ޓިކެޓް ޔަގީން ކުރައްވާފައެވެ.

ހަމައަކަށް ނޭޅި މަޝްވަރާއަކަށް ފަހު މަޝްވަރާއެއްގައި އެއްބަސްވެވޭތޯ މަސައްކަތް ކުރަމުން ދަނީ ޕީޕީއެމް އާއި ޑިމޮކްރެޓްސްއެވެ. އެ ދެޕާޓީން ކުރެ ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީނާއި ޑިމޮކްރެޓްސްގެ ރޫހާނީ ލީޑަރު މުހައްމަދު ނަޝީދަކީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނާއި ދައުރު ހަމަވަމުން ދާ ވެރިކަން ވައްޓާލުމުގައި އެއްފިކުރެއް ގެންގުޅުއްވާ ދެބޭފުޅުން ނަމަވެސް ދެން ހުރި އެއްވެސް ކަމެއްގައި އެއީ ހިޔާލު އެއްގޮތް ދެބޭފުޅުންނެއް ނޫނެވެ. ދެބޭފުޅުންގެ އިތުރުން ދެޕާޓީގައި ހިމެނޭ ގްރާސްރޫޓުގައި ވެރިކަން ވައްޓާލުން ފިޔަވައި އެއްބަސްވެވޭ ހިޔާލެއް ނެތެވެ. ވެރިކަން ވައްޓާލުމުގެ ރޫހު އިދިކޮޅު ހުރިހާ ޕާޓީއެއްގައިވެސް އެބައޮތެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ ވެރިކަން ވައްޓާލަނީ ކާކަށް ވެރިކަން ހޯދައިދޭންތޯއެވެ.

ގާސިމްވެސް، ނާޒިމްވެސް، އުމަރުވެސް، މުނައްވަރުވެސް، ޔާމީންވެސް އަދި ނަޝީދުވެސް ބޭނުންފުޅުވަނީ ވެރިކަމެވެ. އަސާސީއާއި އިންތިޒާމްތައް ހުރި ގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވޭނީ ކޮންމެވެސް 1 ބޭފުޅަކަށް ކަމަށް ވާއިރު، އެންމެ ބޭފުޅުން އެކަމުގައި އުޅުއްވިޔަސް އަދުގެ ސިޔާސީ ހަގީގަތް އޮތް ގޮތަށް ބަލާއިރު އެފުރުސަތު ލިބުން އެންމެ ގާތީ އިދިކޮޅު ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓަކަށާއި، ވެރިކަން ކުރާ އެމްޑީޕީއަށެވެ.

ރާއްޖޭގައި އެންމެ ބޮޑު 2 ޕާޓީއަކީ އެއީ ކަމަށް ވާއިރު، މުޅި ރާއްޖެވެސް ބެހިފައި އޮތީ އެ 2 ފިކުރުގެ މައްޗަށެވެ. ދޭތެރެ ދެމެދުން އަރަމުން އަންނަ ޑިމޮކްރެޓްސް އަށް ވެސް އަދި ދަފްތަރުން 3 ވަނަ އަށް އެންމެ ބޮޑު ޖޭޕީއަށް ވެސް އެފުރުސަތު އޮތްތަނެއް ނުފެނެއެވެ. ވެރިކަމެއް އަތުލެވޭހާ ސަޕޯޓެއްވެސް، މެންބަރުންނެއް ވެސް ނެތެވެ. އެހެން ކަމަށް ވާއިރު، އޯޝަން ވީކްލީގައި ބުނާ ގޮތަށް ނަޝީދެއް ވެސް ނޫން، ޔާމީނެއް ވެސް ނޫން ކަމަށް ވަންޏާ ދެން އެއީ ހަންޑިއެއް ހެއްޔެއެވެ.