ކ. ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މިއަދު ހަވީރު 5 ޖަހާއިރު ގުޅިފަޅުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ރަސްމީކޮށް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގެ ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސްއާ އެވެ. ބޮސްކާލިސްއަކީ ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ވެސް ހިއްކި ކުންފުންޏެވެ. އަދި 2019 ވަނަ އަހަރު ގުޅިފަޅުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސް އެކުންފުނިން ވަނީ، ގުޅިފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މުޅިން ނިންމާފައެވެ.

ދެވަނަ ފިޔަވަހު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެކި ކަންކަން ކުރަން ރާވާފައިވާ ކަމަށް ބޮސްކާލިސް އިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެ ފަޅަށް އެޅުމުގެ އިތުރުން ހިއްކާ ސަރަހައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ބޮސްކާލިސްއިން ބުނީ، މި މަޝްރޫއު ހައުސިން މިނިސްޓްރީން، އެކުންފުންޏާ ހަވާލުކޮށްފައި ވަނީ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ކަމަށެވެ. މި މަޝްރޫއާއެކު މިހާރު މާލޭގައި ހިންގަމުންދާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް އެއްކޮށް ގުޅީފަޅަށް ބަދަލުކުރާނެއެވެ. މީގެ އިތުރުންވެސް ގުޅިފަޅުން ހިއްކާ ބިމުން މާލެ މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއަދުގެ ހާއްސަ ރަސްމިއްޔާތު ޓީވީން ލައިވް ކުރާނެ ކަމަށްވެސް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.