އަޟްހާ އީދުގެ މުނާސަބާތުގައި "ޖާދު އެންޑް ފްރެންޑްސް" ގެ ޓީމުގެ ޝޯއެއް މިރޭ ރ. މާކުރަތުގައި ދޭން ނިންމައިފިއެވެ.

މިރޭ މާކުރަތުގައި ބާއްވާ ޝޯގައި ރާއްޖޭގެ ފިލްމީ ދާއިރާގެ މަޝްހޫރު ބައެއް ތަރިން ފެންނާނެއެވެ. އޭގެ ތެރޭގައި ފިލްމީ ތަރި، މަރިޔަމް އައްޒަ އާއި ފާތިމަތު ފަރީލާ، އާމިރާގެ އިތުރުން ސޮބާ، އަންޖު، ސަމާ އަދި ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް ހިމެނެއެވެ.

މިރޭގެ 8:30 ގައި މާކުރަތު ޕާކު ސަރަހައްދުގެ ސްޓޭޖުން ޝޯ ފެށުމަށް ހަމަޖެހިފައިވާއިރު އެ ޝޯ ވަރަށް ފޯރި ގަދަވާނެ ކަމަށް މާކުރަތުގެ އީދުގެ ހަރަކާތުގައި އިސްކޮށް އުޅޭ ފަރާތްތަކުން މައުލޫމާތުދެއެވެ.

ދެ ޓީމަކަށް ބަހާލައިގެން ޖާދުގެ ޓީމުތައް މިއަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޝޯ ދޭން ގޮސްފައިވާއިރު މިދިޔަ ބުދަ ދުވަހުގެ ރޭ ތޮއްޑޫ، ބުރާސްފަތި ދުވަހުގެ ރޭ ރ. އަލިފުށީ، ހުކުރު ދުވަހުގެ ރޭ ނ. ވެލިދޫ، ރޭ މަނަދޫ ގައި ވަނީ ފޯރި ގަދަ ޝޯއެއް ދީފައެވެ.

ޖާދުގެ ދެވަނަ ޓީމުގައި ސަލްވާ، ޝައި، މޫސަ، ޝިޔާ، ޝަޒާން، ސާރާ އަދި ރިއްކޮ ވަނީ ހިންމަފުށި، ދޮންފަނު އަދި އުނގޫފާރު ގައި ޝޯ ދީފައެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މާކުރަތުއިން މިއަހަރުވެސް ފޯރި ގަދަ އީދެއް ފެނިގެންދިޔައެވެ. ކޯޑި، ނާ އަދި ބޮޑު މަސް ކުޅިވަރުގެ އިތުރުން ވެދުމާ ދިއުމާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށް މަޖާ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.