"ސްޕެޝަލް އޮލިމްޕިކްސް ވާލްޑް ގޭމްސް"ގައި ބައިވެރިވެ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ޓީމުގެ އެތުލީޓުންނާ އެފަރާތްތަކުގެ ބެލެނިވެރިންނާއި އަދި ޑެލިގޭޝަނުގެ މެންބަރުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައްދަލުކުރައްވާ މަރުހަބާ ދަންނަވައިފިއެވެ.

މި ބައްދަލުކުރެއްވުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބާއްވާފައިވާއިރު މިދިޔަ މަހުގެ 17 އިން 25 އަށް ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވާލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ 2 ރަންމެޑަލްއާ 1 ލޯ މެޑެލް ހޯދާފައެވެ.

ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ރާއްޖޭގެ އެތުލީޓުން ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވަނީ މި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ރައީސް ސޯލިހް ވަނީ ވަކިން ހާއްސަ ގޮތެއްގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓަށް އަދާކޮށްފައިވާ މުހިންމު ދައުރު ފާހަގަކޮށްފައެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާކަމެއްގައި ޝާމިލުކޮށްގެން ކުރިޔަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައި ވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށް ވެސް އެމަނުކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުގައި ވާހަކަފުޅު ދައްކަވަމުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ރައީސް ސޯލިހް ވަނީ ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވާލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ގައުމަކުން 6،500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.