ފްރާންސްގައި ބަރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގައި ކާރު ހުއްޓުވައި އޭގައި އިން 17 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލި ހާދިސާއާ ގުޅިގެން ފްރާންގެ އެތަން މިތާނގައި ރޯކޮށް ބޮޑެތި ހަމަނުޖެހުން ހިންގަމުން އެބަދެއެވެ.

އަލްޖީރިއާ އަދި މޮރޮކޯއަށް ނިސްބަތްވާ ނުވަތަ ޕާސިއަން ނަސްލަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ ނަހޭލް އެމް، މަރާލި ހާދިސާގައި މަސްރަހް ހޫނުވީ، ފުރާންސްގައި އޮންނަ ނަސްލީ ތަފާތު ކުރުންތަކުގެ ތެރެއިން އެހެނިހެން ނަސްލުތަކަށް [ހިޖުރަވެރިންނަށް] އަމާޒުކޮށް ފުލުހުން ހިންގާ ލާއިންސާނީ އަމަލުތަކާއި ޒުވާނާގެ މަރާ ގުޅުވައެވެ.

މިހާތަނަށް 875 މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާ އިރު މުޒާހަރާތަކުގައި އެތައްހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އެމީހުން 492 އިމާރާތެއްގައި ރޯކޮށް 2000 ވެހިކަލް މިހާތަނަށް އަންދާލާފައި ވާއިރު އެތައް ސިޓީއެއްގެ އެތައް މަގެއްގައި 3880 އަށް ވުރެ ގިނަ ހުޅު ޖަހާފައި ވެއެވެ. ވެހިކަލް އާއި ޓަޔަރާއި އެނޫންވެސް ތަކެތީގައި ރޯކޮށް ހަދަމުން ދާ އިރު ފްރާންސްގެ ޕެރިހުގައި ހުންނަ ބޮޑު ލައިބްރަރީއެއްވެސް ވަނީ އަންދާލާފައެވެ. މީގެ އިތުރުން ފުލުހުންގެ އިމާރާތްތަކަށް ގެއްލުން ދިނުމާއި ފުލުހުންނާ ކުރިމަތިލައި އެމީހުންގެ ގަޔަށް ފަޓާސް ޖަހަމުން ދާއިރު، ހާލަތު ކޮންޓްރޯލް ނުވެ ދަނީ ފެތުރެމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ފްރާންސަކީ، އިންސާނީ ހައްގުތަކާއި ނަސްލީ ތަފާތުކުރުންތަކުގެ ރެކޯޑް އޮންނަ ޔޫރަޕްގެ ތަހުޒީބުގައި ފަހަތަށް ގޮސްފައި އޮންނަ ގައުމެކެވެ. އެގޮތުން، ރަނގަޅު ތައުލީމުން ހިޖުރަވެރިން މަހުރޫމް ކުރުމާއި، އަސާސީ ހިދުމަތްތައް ނުލިބުމާއި، މަސްތިވާތަކެއްޗާއި ވައްކަމާއި ފޭރުން ފަދަ އިޖުތިމާއީ ކިތަންމެ މައްސަލަތަކެއް ހިޖުރަވެރިންގެ ތެރޭގައި އުފެއްދުމަށް އެގައުމުގެ ފުލުހުން މަސައްކަތް ކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ މި ހަމަނުޖެހުމާ ގުޅިގެން ފަޓާސް ބޭނުން ކުރުމުން މަނާކޮށްފައި ވާ އިރު އިނގިރޭސިވިލާތާއި އެނޫންވެސް ބައެއް ގައުމުތަކުން ވަނީ މިވަގުތު ފްރާންސަށް ދަތުރު ނުކުރުމަށް އެގައުމުތަކުގެ ތައްޔިތުންނަށް ވެސް އަންގާފައެވެ.

މުޒާހަރާގެ ބައިވެރިންނާއި، އާންމު އެކިއެކި ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކުން ބުނެފައި ވަނީ، ފުލުހުންގެ 'ނުލަފާކަން' ދައްކަނީ، ނަސްލީ ތަފާތު ކުރުމާ ހެދި އޮންނަ ދެކޮޅުވެރިކާއި ހަސަދަވެރިކަމުގެ ސަބަބުން ކަމަށެވެ. މިފަދަ މޭރުމަކުން އދ އިން ވެސް ވަނީ ފްރާންސަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް އެތުހުމަތުތަކަށް ފްރާންސުން ދެކޮޅު ހަދާ ބުނެފައި ވަނީ ފުލުހުންގެ ތެރޭގައި ނަސްލީ ތަފާތު ކުރުން ނުގެންގުޅޭ ކަމަށާއި އެއްވެސް ރައްޔިތަކާ މެދުވެސް އެފަދައިން އަމަލު ކުރާކަން ފާހަގަ ވެފައި ނުވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާ، ތަންތާ ރޯކުރަމުން ދާއިރު، ބޮޑެތި ސުޕާ ސްޓޯރުތައް ލޫޓުވާ ހަދަމުން ދާ މީހުންވެސް އެބައުޅެއެވެ. ހަމަނުޖެހުން ހުއްޓުވުމަށް 20،000 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެެރިވަމުން ދާއިރު، ފުލުހުން ގެންދަނީ، ކަރުނަ ގެހާއި ރަބަރު ވަޒަނާއި އަސްލު ވަޒަންވެސް ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި ބޭނުން ކުރަމުންނެވެ. އެގޮތުން ފުލުހުން ޖެހި ބަޑިއެއްގެ ވަޒަނަމުން އުމުރުން ދޮށީ މީހަކުވެސް މި ހަމަނުޖެހުންގަނޑުގެ ތެރޭގައި މަރުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

މިވަގުތު ހަމަނުޖެހުން ހިނގަމުންދާ ބައެއް ސިޓީތަކަށް ބަލާއިރު، މާސެލީ، ލިޔޯން، ޕައު، ޓޯލޫސް، ސްޓަރސްބޯގް، ލިލޭ އާއި ޕެރިސް ހިމެނެއެވެ.

ފްރާންސްގެ އިދާރާތަކުން ބުނާގޮތުގައި، ހަމަނުޖެހުން ބޮޑަށް ހޫނު ކުރަމުން ދަނީ، ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ފޭކް ހަބަރާއި، ސާބިތު ނުހިފޭ ދޮގު މައުލޫމާތާއި ހަދާފައި ހުރި ފޮޓޯއާއި ވީޑިއޯ ދައުރު ކުރުމުންނެވެ. ފްރާންސްގެ އިދާރާތަކުން މިހާރު ހާއްސަ ފިޔަވަޅުތަކެއް އަޅާ، ސޯޝަލްމީޑިއާގެ އެކި މަންސަ ތަކުގައި ފަތުރާ މައުލޫމާތުގެ ސައްހަކަން ދެނެގަތުމަށް މަސައްކަތް ކުރަމުން ދާއިރު، އެފަދަ ނެޓްވޯކްތައް ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.