ބޮޑުމިނުގައި 48 ހެކްޓަރު ހުންނަ، އާބާދީގައި 1400 އެއްހާ މީހުން ދިރިއުޅޭ ރ. އަތޮޅު މާކުރަތޭ ބުނުމުން އެއީ ކޮން ރަށެއްކަން ނޭނގި ގިނަ ބަޔަކު ސުވާލުވެސް އުފައްދައެވެ. އެހެންނަމަވެސް ތާރީހީ ފަތްފުއް ތަކުން މާކުރަތުގެ ބައެއް ވާހަކަތައް އިވިގެން ދާއިރު އަޟްހާ އީދު ފާހަގަ ކުރުމުގައި މާކުރަތަކީވެސް ފާހަގަކޮށްލެވޭ ތަފާތު ރަށެކެވެ.

ރަށުގެ އާބާދީގެ ދެބައިކުޅަ އެއްބައި ރަށުގައި ދިރިއުޅޭ އިރު ރަށުން ބޭރުގައި ދިރިއުޅޭ އެ ރަށުގެ ގިނަ އަދަދެއްގެ މީހުންގެ އިތުރުން އެހެން ރަށްރަށުން 500 އެއްހާ މީހުން އެ ރަށުގެ އީދު ކުޅިވަރު ބަލަން ޒިޔާރަތް ކުރާ ކަމަށް އެ ރަށުގެ ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

މުޅި ރައިއްޔަތް އެކުގައި އީދު ކުޅިވަރުތައް ކުޅުނު އަހަރުތަކެއް އެ ރަށުގައި މާޒީވެ ގޮސްފައި ވާއިރު އަވަށް ވަކިން އީދު ފާހަގަ ކުރަމުންދާތާ މިހާރު 15 ވަރަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާރު އެ ރަށުގައި އިރުމަތީ އަވަށާއި ހުޅުނގު އަވަށުގެ ތަފާތު ކުޅިވަރުތައް ވަކިން ފެނިގެން ދެއެވެ.

މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ އަވަށް ވަކިން އީދު ކުޅިވަރުތައް ކުޅޭތާ ގިނަ އަހަރުތަކެއް ވެފައި ވާ ކަމަށެވެ. އަދި އެހެން ރަށްރަށުގައިވެސް އަވަށް ވަކިން އީދު ކުޅޭކަން ފާހަގަ ކުރައްވާ ރަމީޒު ވިދާޅުވީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ރަމީޒު ވިދާޅުވީ ދެ އަވަށް ވަކިން އީދު ކުޅޭއިރު ހަމަ ނުޖެހުމެއް ނުހިނގާ ކަމަށާއި ހުއްދަ ދޭއިރު ހަމަ ނުޖެހުމެއް ނުހިނގާ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ. އަދި ހަމަނުޖެހުމެއް ހިނގައިފިނަމަ އެކަމުގެ ޒިންމާ އެ ފަރާތަކުން ނަގަންޖެހޭ ގޮތަށް ރަށުގެ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ނުގެއްލޭ ގޮތަށް އީދު ކުޅެން އަންގާފައިވާ ކަމަށް ރަމީޒު ވިދާޅުވިއެވެ.

އީދު ކުޅިވަރުތަކުން ދެ އަވަށުގެ ރައްޔިތުންގެވެސް އެއްބައިވަންތަކަން ފެނިގެންދާ ކަމަށާއި ކޮންމެ އަވަށެއްގައިވެސް އީދު ދުވަހު އީދު ސައި ތައްޔާރު ކުރާ ކަމަށް ރަމީޒު ވިދާޅުވިއެވެ.

މާކުރަތުގެ އީދު ކުޅިވަރުތަކުގައި ދެ ޖިންސުގެ ހުރިހާ އުމުރު ފުރައިގެ ބައިވެރިވުން އޮންނައިރު ޒަމާނަށް އައި ބަދަލާއެކު ބައެއް ކުޅިވަރުތައްވެސް ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން މާކުރަތުގައި އާންމު ކޯޑި، ނައު ފަދަ ކުޅިވަރުތަކަށް ކުޑަ ބަދަލުތަކެއް އައި ނަމަވެސް މިއަދުވެސް އެ ކުޅިވަރުތައް ކުޅެއެވެ.

އީދަށް ދައުވަތު ދިނުން/ ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

އީދުގައި ފެން ޖެހުމާއި ކުލަ ޖެހުމަށް ގިނަ ރަށް ރަށުގައި ވަކި ހާއްސަ އުސޫލެތް ނެތް ނަމަވެސް މާކުރަތުގައި އަންހެނުނަށް އަދި ފިރިހެންނަށް ފެން ޖެހުމަށާއި ކުލަ ޖަހާ "ފެން ކުޅި" ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް ވަނީ މީގެ ކުރިންވެސް ކަނޑައަޅާފައެވެ. އެގޮތުން އީދުގެ ތިން ވަނަ ދުވަހަކީ އަންހެނުންގެ ފެން ކުޅި ކަމަށް ވާއިރު އެ ދުވަހަކީ އަންހެނުން ފިރިހެނުން ގަޔަށް ފެން ޖެހުމަށް ހާއްސަ ކުރެވިފައިވާ ދުވަހެވެ. އެ ދުވަހު ފިރިހެނުން އެ ފަދަ ކަމެއްގައި އުޅުމަކީ އުސޫލާ ހިލާފުވުމެވެ. އަދި ޖެހިގެން އަންނަ އީދުގެ ހަތަރު ވަނަ ދުވަހަކީ ފިރިހެނުންގެ ފެން ކުޅި ދުވަހެވެ.

މާކުރަތުގެ އިރުމަތީ އަވަށުގައި އީދު އައުމުގެ ދެ ތިން މަސް ކުރިން އީދުގެ ކުޅިވަރުތަކަށް ހަރަދު ކުރާނެ ފައިސާ ހޯދުމަށް މަސައްކަތު ދުވަސްތަކެއް ވަނީ ފާހަގަކޮށްފައެވެ. ހަފްތާގެ ދުވަސްތަކުގެ އިތުރުން ހަފްތާ ބަންދުގައި އެ އަވަށުގެ އަންހެނުންނާއި ފިރިހެނުންގެ ގްރޫޕްތަކަކުން މަސައްކަތްތަކެއް ކޮށް އީދު ބަޖެޓަށް ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ވާއިރު ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަން ވެސް މިކަމުގައި ލިބުނު ކަމަށް އެ އަވަށުގެ އީދުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އީދަށް ކުޅުމަށް ނިންމާ، ތާވަލް ކޮށްފައިވާ ކުޅިވަރުތަކުގެ ތާވަލް ހިފައިގެން ހައްޖު ދުވަހުގެ ކުރީ ދުވަހު ޒުވާނުންގެ ގްރޫޕަކުން ބޮޑުބެރު ޖަހާ، ލަވަ ކިޔަމުން ރަސްމީކޮށް ދައުވަތު ދިނުމަށް ގޭގެއަށް ވަނީ ގޮސްފައެވެ. އީދު ވިލޭރޭ އީދު ވެދުމާ ދިއުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ވާއިރު އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރަސްރަސްކަލުންގެ ޒަމާނުގެ ކަންކަން ދައްކުވައިދޭ ތަމްސީލެއް ފަދަ ގޮތަކަށެވެ. އެ ހަރަކާތުގައި ޒުވާން ބޮޑުބެރު ގްރޫޕްގެ ބޮޑުބެރާއި ލަނގިރީގެ ހަރަކާތަކާއެކު ރަސްގެފާނުގެ އަރިހަށް ވަޑައިގެން އީދުގެ ކުޅިވަރުތައް ކުޅުމަށް ހުއްދައަށް އެދި ފަތްކޮޅު އަރުވައި ހުއްދަ ދިން ކަން އަންގާ ރަސްގެފާނު ވަނީ އީދު ކުޅުމުގެ ހުއްދަ ދީފައެވެ.

މާކުރަތު އީދު ކުޅިވަރުގެ ތެރެއިން އީދު ވެދުމާ ދިއުން / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

ވެދުމުގެ ހަރަކާތަށް ފަހު ރެޕް ލަވައަށް ހާއްސަ މަޝްހޫރު ސިންބޮލިކް ރިކޯޑްސްގެ ހާއްސަ ޝޯއެއް މާކުރަތުގެ އިރުމަތީ އަވަށުގައި ވަނީ ދީފައެވެ. އޭގެ ފަހުން ދެން އޮތީ އީދު ހުޅު ރޯކުރުމެވެ.

އީދު ދުވަހު ހެނދުނަށް އެ އަވަށުގެ މީހުން ގްރޫޕް ގުރޫޕަށާއި ވަކިންވެސް ހެދިކާ ހަދާ އީދު ސައި ތައްޔާރު ކޮށްފައި ވާއިރު އެ އަވަށުން މައުލޫމާތު ދިން އިސް ފަރާތެއް ބުނެފައި ވަނީ އެ ސައިގެ ހުރިހާ ހަރަދަކީ ހެޔޮ އެދޭ ވިޔަފާރިވެރިއެއްގެ ހަދިޔާއެއް ކަމަށެވެ. އެ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބާއްވާފައި ވާއިރު ކުޑަކުދިންނަށް ހާއްސަ ތަފާތު ގިނަ ގޭމުތައް ހިމެނޭ ގިނަ ސްޓޯލްތަކެއް ވެސް ފެނިގެން ދިޔައެވެ. ކުޑަކުދިންގެ ހަވީރަށް ވަރަށް ތަރުހީބު ލިބުނުކަން ފާހަގަ ކުރެވެއެވެ.

ކޯޑި ކުޅިވަރު:

ކޯޑި ކުޅިވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަރަށް ތަފާތުކޮށް ކުޅޭ ކުޅިވަރަކަށް ވާއިރު އެކި ރަށްރަށުގައި އެކަމަށް ހާއްސަ ދުވަހެއް އޮވެއެވެ. ކޯޑި ދުއްވުމާއި ކޯޑި ކެނޑުމުގެ އުސޫލުތައްވެސް ތަފާތެވެ. އީދުގެ ދެވަނަ ދުވަހަކީ ކޯޑިއަށް ހާއްސަ ދުވަހަކަށް ވާއިރު މާކުރަތުގައި ހެނދުނު ނިކުމެ، އަންހެންވެރިން ކޯޑި ހެދުމަށް ބިލެތް އެޅިއެވެ. ބޮޑުބެރު ޖަހާ، ލަވަ ކިޔަމުން ދުފަން ބޭނުން ކުރާ އެއްޗެހި ހުންނަ ދުފާ ތަބަށް ހިފައިގެން އަންހެނުންތައް މުޅި އަވަށުގައި ހިނގިއެވެ. އެ ދުފާތަބަށް ހިފައިގެން ފިރިހެނުން ކައިރިއަށް ދިއުމުން އެއިން ދުފައިފި މީހަކު ނަމަ ކޯޑި ހަދަން ދާން މަޖުބޫރުވީއެވެ. ނުދުފި ނަމަވެސް އެއިން ކަރަންފުލެއްގެ މިންވަރު ނެގި ނަމަވެސް އުސޫލަކީ އެއީއެވެ.

މާކުރަތު އީދު ކުޅިވަރުގެ ތެރެއިން ކޯޑިއަށް ބިލެތް އެޅުން / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

އެ ހިސާބުން ކޯޑި ހެދުމާއި މާލި ހެދުމުގެ މަސައްކަތް ފިރިހެނުން ފަށާއިރު މެންދުރުފަހުން ބޮޑުބެރު ޖަހާ، ލަވަ ކިޔަމުން އެ މީހުންނަށް ޖޫހާއި އީދު ހަދިޔާ ހިފައިގެން ކޯޑި ހަދާ ސަރަހައްދަކަށް އަންހެންވެރިން ދިޔައެވެ.

ހަވީރަކީ ކޯޑި ނެރެ، ދުއްވާ ގަޑި ކަމަށް ވާއިރު އެންމެން ނަލަހެދިގެން އެ ވަގުތު ނުކުންނާނެއެވެ. އެކި ކަހަލަ މާލިތައް ހަދައިގެން ފިރިހެންވެރިންގެ ބެރާއި ލަވައާ އެއްވަރަށް އަންހެންވެރިންގެ ދަނޑީގެ ފަރި ހަރަކާތްތަކާއެކު ކޯޑީގެ ހަރަކާތް ފެށޭއިރު މުޅި އަވަށުގައި ކޯޑި ދުއްވައި ވަކި ސަރަހައްދެއްގައި މަޑުކޮށް ބޮޑުބެރުގެ ހަރަކާތް ކުރިއަށް ދާއިރު އަންހެނެއްގެ ބޮލަށް ކޯޑި ޖަހައެވެ. ކޯޑި ޖެހުން މާނަ ކުރަނީ އެ ކޯޑި ބޮލަށް ތިރިކޮށްލުމެވެ. އެ ހިސާބުން ކޯޑި ޖަހާ މީހާ ފިރިހެނުންނަށް ފަރިވަޅުދޭން ޖެހުނީއެވެ. އެހެންނަމަވެސް ޒަމާނަށް އައި ބަދަލާއެކު މިހާރު ދެނީ ދަޅު، ފުޅި ފަދަ ތަކެއްޗެވެ. އާންމު ގޮތެއްގައި ކޯޑި ޖަހާ އުޅެނީ އެ ރަށު މީހަކު ކައިވެނި ކޮށްގެން އުޅޭ ރަށުން ބޭރު މީހެއްގެ ބޮލަށް ނުވަތަ ގިނަ އަހަރު ތަކަކަށް ފަހު އެ ރަށަށް ދާ އެ ރަށު މީހެއްގެ ބޮލަށެވެ.

ކޯޑި ޖެހުން/ ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

އިރުއޮއްސުމާއެކު ކޯޑީގެ އެ ކުޅިވަރު އެ ހިސާބުން ނިމުނީއެވެ. އެއަށްފަހު ދިގު ރުކެއްގައި ކޯޑި އައްސާ، އެ ރޭ ކުރިއަށް ދާނީ ކޯޑި ކެނޑުމުގެ ހަރަކާތެވެ. އިޝާ ނަމާދަށް ފަހު ކޯޑި ކެނޑުމުގެ ހަރަކާތް ކުރިއަށް ދާއިރު ކޯޑި ކެނޑުމަށްވެސް ޖެހެނީ ބިލެތް އަޅާ، އެކަމަށް ދައުވަތުދޭށެވެ. އެގޮތުން ފިރިހެނުންނަށް ނޭނގޭހެން އެންމެ ފިރިހެނަކަށް ބިލެތަކާއި ދުފަން ބޭނުންކުރާ ތަކެތި ދިނުމަށްފަހު ކޯޑި ކަނޑައިދިނުމަށް އެދޭނެއެވެ. ކޯޑި ކަނޑާ ފިރިހެން މީހާއަށް ހިމާޔަތްދީ ސަލާމަތް ކުރަން ޖެހޭނީ އަންހެނުނަށް ކަމަށް ވާއިރު އެ ކޯޑި ކަނޑާ މީހާ ކޯޑި ކެނޑުމަށްފަހު ފެންވަރާ، ރީތިވެގެން ނިކުތުމުގެ ކުރިން ފިރިހެނުންނަށް އަތުޖެހިއްޖެނަމަ ކުލައާއި ބިސް، ފުއް ފަދަ އެއްޗެހި ޖަހާނެއެވެ. މީގެ ކުރިން ކޯޑި ކަނޑާ މީހުންގެ ގަޔަށް ކަޅު ތެޔޮ، ފިއްލެތޮ އަދި ގަރުދިޔަ ފަދަ އެއްޗެހިވެސް ފިރިހެނުން އަޅައެވެ.

ކޯޑި ކެނޑުމަށްފަހު އެ ފިރިހެން މީހާ ފިލަންވަދެ ހުންނަ ގެ ހޯދާ އެ ގޭގެ ދޮރުތައް ނަގައިގެންވެސް ވަދެ އެ މީހާ ނެރެ، އެ މީހެއްގެ ގަޔަށް އެއްޗެހި އަޅައެވެ. މި އަހަރު ކޯޑި ކެނޑި މީހާ ފިލަން ދުވަނިކޮށް ހިފަހައްޓާފައި ވާއިރު އެ މީހާ ގަޔަށް ވަނީ ބިސް ފަދަ ތަކެތި ޖަހާފައެވެ. އެއަށްފަހު އަންހެނުންނާ، އެ މީހާ ހަވާލުކުުރުމުން ފެންވަރުވާ ނަލަ ހައްދައިގެން ބޮޑުބެރު ޖަހާ ހިންގުވިއެވެ.

ކޯޑި ކެނޑި މީހާއަށް އީދު ނިމުމުގެ ކުރިން ފަރިވަޅު ދޭން ޖެހޭއިރު މިހާރު ދީ އުޅޭ ފަރިވަޅުގައި ރީތިވާން ބޭނުންކުރާ ސާމާނުގެ އިތުރުން އަންނައުނު ހިމެނޭއިރު ފަތީގައި އަމުނާފައި ހުންނަ ފައިސާވެސް ހިމެނެއެވެ.

ކޯޑިކެނޑި މީހާ ރަށުގައި ހިންގުން / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

އިއްޔެއަކީ އަންހެނުންގެ ފެން ކުޅި ދުވަހެވެ. މިއަދަކީ ފިރިހެނުންގެ ފެންކުޅި ދުވަހެވެ. މިއަދު ހެނދުނު ނާ ކުޅިވަރު ފެށިގެން ދާއިރު ނާ އަކީ ރޭގެ ގިނަ ވަގުތުތަކެއް ހޭދަކޮށްގެން ކުޑަ ދޯންޏެއްގައި ފިރިހެނުން ތައްޔާރު ކުރާ ނާ ކޮޅެކެވެ. ނާ ކެނޑުމުގެ ކުޅިވަރު ކުރިއަށް ދާނީ ކޯޑި ކެނޑުމުގެ ކުޅިވަރު ކުރިއަށް ދިޔަ ފަދައިން ނަމަވެސް އަންހެނުންނަށް ނޭނގި ފިރިހެނުން ބިލެތް އަޅާ ތިން އަންހެނަކު މޫދަށް އެރި އެތަނުން އެކަމަށް ކަނޑައަޅާފައި ހުންނަ އަންހެނަކު އޭގައި އައްސާފައި އޮންނަ ހިމަ ވާ ފަށެއް ކަނޑާލާނީއެވެ.

އެ ހިސާބުން އެ އަންހެން މީހާއަށް ހިމާޔަތް ދިނުމުގައި ފިރިހެނުން ހުޝިޔާރު ވާއިރު އެ މީހެއްގެ ގަޔަށް ކުލަ ފަދަ ތަކެތި ޖަހަން އަންހެނުން ގަދަ އަޅާ މަސައްކަތް ކުރެއެވެ. އަދި ނާކާމިޔާބު ވުމުންވެސް އަންހެން މީހާ ފޮރުވަން ވައްދާ ގެއަށް އަންހެނުންތައް ވަންނަން މަސައްކަތް ކުރެއެވެ.

ކޯޑި ކެނޑި މީހާ ފަދައިން ނާ ކެނޑި މީހާ ރީތިކޮށްގެން މަގުތަކުގައި ހިންގުވާނެއެވެ. އަދި ފިރިހެނުން އެ މީހާއަށް އީދު ނިމުމުގެ ކުރިން ފަރިވަޅުވެސް ދޭން ޖެހޭނެއެވެ. އަދި މިރޭ 8:30 ގައި ބޮޑު މަހާއި މާލި ޕެރޭޑް ކުރިއަށް ގެންދަން ނިންމާފައި ވާއިރު އީދުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މުސްތަފާ ބުނީ ބޮޑުމަހުގެ ކުޅިވަރު ކުރިއަށް ގެންދަން ނިންމާފައި ވަނީ ދޮން މޮހޮނާއި މިޔަރުގެ ވާހަކައިގެ މައްޗަށް ބިނާކޮށް ވަރަށް ތަމްސީލީ ގޮތެއްގައި ކަމަށެވެ. މީގެއިތުރުން މާލި ޕެރޭޑުން ތަފާތު މާލިތަކެއް ފެނިގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި އަހަރުގެ އީދުގެ ތެރެއިން އަންހެނުނާއި ފިރިހެނުންގެ ކުޅިވަރުތަކެއް ކުރިއަށް ގެންދާއިރު މުޅި އަވަށަށް ހާއްސަކޮށް އީދު ބާބަކިޔުއެއް ބާއްވަން ވަނީ ނިންމާފައެވެ. އާދިއްތަ ދުވަހުގެ ރޭ ޖާދު އެންޑް ފްރެންޑްގެ ހާއްސަ ޝޯއެއް އެ ރަށުގައި އޮންނައިރު އެ ދުވަހު ތާވަލް ކޮށްފައި ވަނީ އެ ރޭގެ ތައްޔާރީތަކަށެވެ.

މުސްތަފާ ބުނީ މިފަހަރު މާކުރަތުގެ އިރުމަތީ އަވަށުގެ އީދު ކުޅިވަރުން ވަރަށް ތުއްތު ކުދިން ކޮޅެއް ފެނިގެންދާނެ ކަމަށާއި މައިގަނޑު ކުޅިވަރުގެ ތެރޭގައި ފެނިގެންދާނީ ރަށުގެ ޒުވާން އުމުރުފުރާގެ މީހުންނާ އެއްކޮށް ދުވަސްވީ މީހުންގެ ހަރަކާތްތައް ކަމަށާއި ވަރަށް ގިނަ ކުޅިވަރުތަކެއް ރާވައިގެން ތިބި ކަމަށެވެ.

މާކުރަތު އީދު ކުޅިވަރުގެ ތެރެއިން ކޯޑި ދުއްވުން / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

މުސްތަފާ ބުނީ މީގެ ކުރިން ވޭތުވެ ދިޔަ ފަނަރަ ވިއްސަކަށް އަހަރު ތެރޭގައި ނެތް ކުޅިވަރުތަކެއް މިފަހަރު ފެނިގެންދާނެ ކަމަށެވެ.

ކާބަފައިންގެ ޒަމާނުގައި މާކުރަތުގެ އީދު ކުޅިވަރު:

މިހާރެކޭ އެއްގޮތަށް އެ ދުވަސްވަރުވެސް އީދު ހުޅު ޖެހުން އޮންނަ އިރު އީދުގެ ދެ މަސް ކުރިން އެކަމަށް ބޭނުންވާ ފަން އެއްކުރަން ފަށައެވެ. ގޮނޑުދޮށުގައި ފަން ހުޅި ޖެހުން އޮންނައިރު އޭރު އީދު ހުޅު ޖަހަނީ ފަތިހެވެ.

އީދު ކުޅިވަރުގައި އަބަދުވެސް ބައިވެރިވާ، މާކުރަތުގެ އިރުމަތީ އަވަށުގެ ދުވަސްވީ މީހެއް ކަމަށްވާ، އާއިޝަތު މަހުމޫދު (އައިސައްތަ) ބުނީ އީދު ހުޅު ރޯ ކުރާތަނަށް އީދު ބޮނޑި ހިފައިގެން ފިހެގެން ކާން އަންހެނުން ދާ ކަމަށާއި އެހެންނަމަވެސް އެ ބޮނޑި އަތުލައިގެން ކާނީ ފިރިހެނުން ކަމަށެވެ. އަދި ބޮނޑި ކައިގެން އަންހެނުންތައް މޫދަށްވެސް ލާ ކަމަށެވެ.

ހުޅު ރޯކުރަނީ ފަތިސް ނަމާދަށް ފަހު ކަމަށާއި ހެނދުނު 6 ޖަހަންދެން އެތަނުގައި މަޖާ ނަގާ ކަމަށް އައިސައްތަ ބުނެއެވެ.

"6 ޖެހީމާ ކުޅިގަނޑު ނިންމާލާފައި އަރާނީ އެއްގަމަށް އަރާ އީދު ނަމާދަށްދާން ތައްޔާރުވާނީ. އީދު ދުވަހު ނޯންނާނެ އެއްވެސް ކަމެއް. އީދު ދުވަހު އޮންނާނީ ސަލަވާތް ފާތީހާ ކިޔުން އީދު ނަމާދުން އަންނަ ގޮތަށް."
އާއިޝަތު މަހުމޫދު

އެ ދުވަސްވަރުވެސް ފެން ކުޅީގެ ހަރަކާތްތައް މިހާރެކޭ އެއް ގޮތަށް ކުރިއަށް ގެންދާއިރު އޭރު ރަށަށް އަރާ އިއްޒަތްތެރިންގެ ގަޔަށް ފެން ޖެހުމުގެ ބަދަލުގައި ކުރައިން ފެން އަޅައިގެން ފައި ދޮއްވާ ހެދި ކަމަށް އައިސައްތަ ވަނީ ބުނެފައެވެ. އެގޮތުން ކަތީބުން މުދިމުންގެ ފައި ދޮއްވި ކަން ވެސް އައިސައްތަ ފާހަގަ ކުރިއެވެ.

"އަންހެނުންގެ ފެން ކުޅި ދުވަހު ރަށުން ބޭރުން މީހަކު އަރާތިއްބަސް ފެން ޖަހާނެ. މިސާލަކަށް ރަށުން ބޭރުންވެސް ބޮޑު މީހަކު ރަށަށް އަރައިފިނަމަ އޭރު ކުރައާއި ލޯގަނޑު ހިފައިގެން ގޮސް ފައި ދޮއްވާނެ. ދެން ހުދު ރުމާލަކުން ފޮހެލުމުން އެ ނިމުނީ. އޭރު ކަތީބުން މުދިމުންގެ ޖަޔަށް ފެނެއް ނުޖަހާނެ. އެ މީހުންގެ ފައި ދޮއްވާނީ."
އާއިޝަތު މަހުމޫދު

އައިސައްތަ ބުނީ އެ ދުވަސްވަރު ފިރިހެނުންގެ ފެން ކުޅި ދުވަހު ބޮޑު ތާންގަކަށް ފެން އަޅައިގެން ބެރު ޖަހާ ލަވަ ކިޔާ ނަށަމުން މުޅި ރަށުގެ އެންމެން ގަޔަށް ފެން އަޅާނެ ކަމަށާއި އެއް ބައިކުދިން ގެންގޮސް މޫދަށްވެސް ލާ ކަމަށެވެ.

މިހާރުވެސް ފިރިހެނުންގެ ފެންކުޅި ދުވަހު މި ފަދަ ގޮތަކަށް ބޮޑު އުވަދޯންޏެއްގައި ކުލަ ގިރައިގެން ނިކުމެ މީހުންގެ ގަޔަށް ކުލައާއި ފުއް ޖަހާ ހަދާ ކަމަށް މައުލޫމާތު ލިބެއެވެ.

މާކުރަތު އީދު ކުޅިވަރުގެ ތެރެއިން ކޯޑި ދުއްވުން / ފޮޓޯ: ޢާއިޝަތު ނުހާ| ދަ ޕްރެސް

މިހާރެކޭ އެއްގޮތަށް ކޯޑިއާއި ނާ ކުޅިވަރު އެ ދުވަސްވަރުވެސް ކުޅުނުއިރު ބޮޑުމަސް ބަންނަ ތަނަށްވެސް ހުރިހާ އަންހެނުން ލަވަކިޔާ ބެރު ޖަހާފައި ހަދިޔާ ހިފައިގެން ދާ ކަމަށް އައިސައްތަ ވަނީ ބުނެފައެވެ. އަދި އެއް ރޭ ބޮޑުމަސް ދުއްވާފައި ބޮޑުމަސް ބާނާ ނިންމުމަށް ފަހު އަނެއް ރޭ އޮންނާނީ 'ބޮޑުމަސް ޝަރީއަތް' ކަމަށް އައިސައްތަ ކިޔައިދިނެވެ. އަދި އެ ޝަރީއަތުގައި ވައްކަން ކުރާ މީހުންގެ ފައިސާ ތަކާއި އެއްޗެހި އަތުލާއިރު އެންމެ ފޯރި ގަދަ ކަމަކީ އެއީ ކަމަށާއި އެތަނުގައި ވަރަށް ބޮޑެތި ފަނޑިޔާރުން ތިބޭ ކަމަށް އައިސައްތަ ވަނީ ބުނެފައެވެ.

އީދަށް އަޅާ ބޯކިބާ ފޮރުވުމަކީ ވެސް މީގެ ކުރިން ކުޅިވަރެއް!

އީދު ވިލޭރޭ ބޯކިބާ އެޅުމަކީ ދިވެހިންގެ ސަގާފަތާ ގުޅިފައިވާ ކަމަކަށް ވާއިރު މީގެ ކުރިން މާކުރަތުގެ ގޭގޭގައި އަޅާ އީދު ބޯކިބާ ފިރިހެނުން ވަދެ ފޮރުވި ޒަމާނެއްވެސް ފިޔައެވެ.

އައިސައްތަ ބުނީ ކުޅިވަރު ކުޅޭ ތަނަށް ގެންދަން އީދު ވިލޭރޭ އަންހެނުން އަޅާ ބޯކިބަލަށް ފިރިހެން ކުދިން ފާރަަލައިގެން ތިބޭ ކަމަށާއި ފިރިހެން ކުދިން ފާރަލައިގެން ތިބެފައި ބަދިގެއިން ނިކުމެގެން ގެއަށް އެ މީހުން ވަންނަ ވަގުތު ބަލާ، ފުރާޅުން ޓިނު ނަގައިގެން ވިޔަސް ބޯކިބާ ހިފައިގެންދާ ކަމަށެވެ. އަދި އެ ބޯކިބާ ކައި ހުސްކޮށްގެން ތެލި ގެނެސް ބަދިގޭގައި ބައިންދާފައި ހުންނަ ކަމަށް އައިސައްތަ ކިޔައިދިނެވެ.

"ބޯކިބާ ހިފައިގެން ގޮސް ކައިފާ ތެލި ގެނެސް ހުންނާނީ ބަދިގެ ދޮށުގައި ބައިދާފައި. ފަތިހު އެ މީހުން ބޯކިބާ ބަލާ ވަންނައިރު އޮންނާނެ އެންމެ ބޯކިބާ ކޮޅެއްވެސް. ހުރިހާ ބަދިގެއަކުންވެސް ހަދާނެ އެހެން އަތަކު ނުޖެހޭނެ ބޯކިބަލެއް"
އާއިޝަތު މަހުމޫދު

އައިސައްތަ ބުނީ އެއްބައި އަންހެނުން ނުނިދާ ބޯކިބާ ނަގަނީ ކާކުތޯ ބަލަން ވަގަށް ފާރައަށްވެސް ތިބޭ ކަމަށެވެ.

މާކުރަތުގެ އީދަކީ ތަފާތު މަޖާ އީދެއް ކަން ފާހަގަ ކުރެވޭއިރު މާލޭގެ ހަލަބޮލި މާހައުލުގައި ނުވަތަ އެހެން ރަށެއްގައި އުޅޭ ބަޔަކު ނަމަވެސް ތަފާތު މަޖާ އީދެއް ބަލާލަން ބޭނުން ނަމަ މާކުރަތުގެ އީދު ކުޅިވަރުން އެކަން ފުދިގެންދާނެކަން ގައިމެވެ.