އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގުރޫޕުން ހައްޖަށް ދިޔަ މީހަކު ގެއްލިގެން ހޯދާތާ 3 ދުވަސްވެފައި ވާއިރު އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގުރޫޕުން ބުނެފިއެވެ.

އަލްހަރަމައިން ގްރޫޕުގެ އޮފިޝަލަކު "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ބުނީ އެމީހާ ގެއްލިފައި ވަނީ އަރަފާތު ބިމަށް ދިއުމުގެ ކުރިން މިނާއިން ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް އަލްހަރަމައިން ގްރޫޕް، މައްކާގެ ހައްޖު މިޝަން އަދި މައްކާގެ އެކިއެކި އިދާރާތަކުން ގުޅިގެން ކުރަމުން ދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ މީހާ ގެއްލުނީ އަންހެނުންނާ އެކީ މިނާގެ ޓެންޓުގައި އިނދެފައި ފޯނާ އެއްޗެހި ބާއްވާ ނުކުމެގެން ދަނިކޮށް ފެނުމުން އަނބުރާ ޓެންޓަށް ގެންގޮސް ޓެންޓުގައި ބައިންދާފައި އޭނާގެ އަންހެނުންނަށް އޭނާގެ ހާލަތާ ބެހޭ މައުލޫމާތު ކިޔާދީފައި އޮއްވާ ނުކުމެގެން ދިޔަފަހުން ކަމަށް ވެސް އެ ގްރޫޕުން ބުނެއެވެ.

އެ މީހާ ގެއްލުނުތާ 3 ދުވަސްވެފައި ވާއިރު އެ މީހާއަކީ ހަނދާން ނެތުމުގެ މައްސަލަ ހުންނަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ދަތުރުގައި މީގެ ކުރިން ވެސް އެ މީހާ ގެއްލިފައި ވެއެވެ. އެއީ މައްކާއަށް ދިޔަ ދުވަހު ކަމަށާއި ގެއްލިގެން ހޯދަން ފެށިތާ 24 ގަޑިއިރުގެ ތެރޭގައި އެފަހަރު ވަނީ ފެނިފައި ކަމަށް އޭނާގެ އާއިލާގެ ފަރާތުން ބުނެފައި ވެއެވެ.

މި ފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ދެމީހަކު ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވީނަމަވެސް ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.